ޕަބްލިކް އިވެންޓެއްގެ ގޮތުގައި ވިޔަސް، ޓީވީ ޗެނެލަކުން ވިޔަސް، ޕްރޮމޯޝަނަލް އިވެންޓެއްގެ ގޮތުގައި ވިޔަސް، ފީފާ ވޯލްޑް ކަޕް 2018 ދެއްކުމާއި އިޝްތިހާރުކުރަން ބޭނުންވާ ފަރާތްތައް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ހުއްދަ ނެގުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

ފީފާ ވޯލްޑް ކަޕް 2018ގެ ރާއްޖޭގެ ސަރަހައްދުގެ އޮފިޝަލް ލައިސަންސް ބްރޯޑްކާސްޓަރުންގެ ގޮތުގައި ޕީއެސްއެމް ހަމަޖެހުމާ ގުޅިގެން އެ ކުންފުނިން މިއަދު ވަނީ އެކަން އިއުލާންކޮށްފައެވެ.

މިއަދު މެންދުރު ޕީއެސްއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފު ވިދާޅުވީ، ވޯލްޑްކަޕް ބްރޯޑްކާސްޓް ކުރުމާއި މުއާމަލާތްތަކާއި މާކެޓް ކުރުމާއި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޕްރޮމޯޓްކުރުމާއި އެނޫންވެސް މުއާމަލާތް ކުރުމުގެ ހައްގު ލިބިފައިވަނީ ހަމައެކަނި ޕީއެސްއެމްއަށް ކަމުން، އެހެން ފަރާތްތަކުން ފީފާ ވޯލްޑް ކަޕް 2018ގެ ޓްރޭޑްމާކް ބޭނުންކުރުމަށް އެ ކުންފުނިން އެކަމުގެ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.

ފީފާ ވޯލްޑް ކަޕް 2018ގެ ރާއްޖޭގެ ސަރަހައްދުގެ އޮފިޝަލް ލައިސަންސް ބްރޯޑްކާސްޓަރުންގެ ގޮތުގައި ޕީއެސްއެމް ހަމަޖެހުމާ ގުޅިގެން އާންމުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން — ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުރިން ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް އެކި ސަރަހައްދުތަކުގައި ޕްރޮޖެކްޓަރުތައް ބަހައްޓައިގެން އާންމުން އެއްކޮށްގެން ޕަބްލިކް އިވެންޓެއްގެ ގޮތުގައި މުބާރާތުގެ މެޗުތައް ދައްކަމުންދިޔަ ނަމަވެސް، މިފަހަރު އެ ފުރުސަތު ލިބޭނީ ޕީއެސްއެމްގެ ހުއްދައާއެކުއެވެ. ނަމަވެސް ހައުސްހޯލްޑްތަކުން ޕީއެސްއެމްގެ ޗެނަލްތަކުން ހުއްދައަކާ ނުލައި، ވޯލްޑް ކަޕްގެ ކަވަރޭޖް ބެލޭނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ލޯގޯ ފަދަ ތަކެތި ބޭނުންކޮށްގެން ބައެއް މީޑިއާތަކުން އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ އެކަމަށްވެސް ޕީއެސްއެމްއިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. ލޯގޯގެ އިތުރުން މިފަހަރުގެ މުބާރާތުގެ ޓްރޭޑްމާކްގެ ތެރޭގައި ހިމެނޭ މެސްކޮޓާއި ރަސްމީ ބޯޅަ ފަދަ ތަކެތި ބޭނުންކުރެވޭނީ ވެސް ޕީއެސްއެމްގެ ހުއްދަ ހޯދައިގެން ކަމަށް އެ ކުންފުނީގެ ޑީއެމްޑީ ވިދާޅުވިއެވެ.

ވޯލްޑް ކަޕް ދެއްކުމާއި އިޝްތިހާރު ކުރުމާއި ޕްރޮމޯޝަނަލް އިވެންޓުތަކާއި ވޯލްޑް ކަޕާ ގުޅޭ އެހެނިހެން ކަންކަން ކުރަން ބޭނުންވާ ފަރާތްތަކުން ޕީއެސްއެމްއާ މަޝްވަރާކުރުމުން އެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. ހުއްދައަކާ ނުލައ،ި އެފަދަ ކަމެއް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ އިހުތިޔާރު ޕީއެސްއެމްއަށް ލިބެއެވެ.

މަސްދަރު: ސަން