މާވަހަރު ތެޔޮ އެކުލެވޭ ބާވަތްތައް ބޭނުންކުރުމަކީ ޖިންސީގުނަވަނުގައި ވަރުޖެހުން ވަރުގަދަ ކުރާ ކަމެއް ކަމުގައި ބުނެއެވެ. މިކަމުގެ ހަގީގަތަކީ ކޮބާ؟

މާވަހަރަކީ ބައެއް ވައްތަރު ބޮޑުމަހުގެ ގޮހޮރުން ނިކުންނަ ތެޔޮއެކުލެވޭ އަޅި ކުލައިގެ އެއްޗެކެވެ. ގިނަފަހަރު މާވަހަރު ފެންނަނީ ފެންމަތީގައި ދައުރުވަމުން ދަނިކޮށެވެ. އެގިފައިވާގޮތުގައި މާވަހަރު ތެލަކީ ޖިންސީ ގުނަވަނުގައި ވަރުޖެހުން މުރާލިކުރުމަށްޓަކައި ބޭނުންކުރެވޭ މާއްދާ އެކެވެ. ވަރުޖެހުން ވަރުގަދަ ކުރުމަށްޓަކައި ޖިންސީ ގުޅުން ހިންގަން ފެށުމުގެ ކުރިން ފިރިހެން ހަށީގައި މާވަހަރު ތެޔޮ އުގުޅައެވެ. މިމާއްދާގެ ސަބަބުން ފިރިހެންހަށީގެ ޓިޝޫތައް ދެމި ވަރުޖެހުން ދަމަހައްޓައި ދެއެވެ.

ޖިންސީގުނަވަނުން ވަރުޖެހުން ވަރުގަދަކޮށް ޖިންސީ އެދުންވެރިކަން ހީވާގިކުރުމަށް ބޭނުންކުރެވޭ ފަތްޕިލާވެލީގެ ބާވަތެއް ވޭތަ؟

އިގުރަކީ ވަރަށް ފާހަގަކުރެވޭ އެއްޗެކެވެ. އެއީ އޭގެ ސަބަބުން ލޭދައުރުވުން ހީވާގިކުރުވާތީއެވެ. ނަތީޖާއެއްގެ ގޮތުން ފިރިހެން ހައްޓަށް ލޭ ވާސިލްވުން އިތުރުވެގެން ދެއެވެ. ނަޓްމެގް ވެސް މިގޮތަށް ބޭނުންކޮށް އުޅެއެވެ. ވިސްނަންވީ ކަމަކީ މިފަދަ ތަކެތި މާގިނައިން ބޭނުން ނުކުރުމެވެ. އެއީ މާގިނައިން ބޭނުންކުރުމުން އެއަށް ހޭނި ނުރަގަޅު ނަތީޖާއެއް ނިކުތުމަކީ ވެދާނެ ގޮތަކަށްވާތީ އެވެ.

ޖިންސީ ބަލިކަށިކަމުގެ ފަރުވާއެއްގެ ގޮތުން ބޭނުންކުރެވޭ ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ބާވަތްތައް ނުވަތަ ތަކެތި ހުރޭތަ؟

”ދާމިޔާނާ” އަދި ”ޔޮހިމްބިން” ކިޔާ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެން ޖިންސީ އެދުންވެރިކަން ހީވާގިކޮށް ޖިންސީ ގުނަވަނުގައި ވަރުޖެހުން އިތުރުކޮށްދިނުމަށް ތަފާތު ޕްރެޕަރޭޝަންތައް ހަދާފައި ހުރެއެވެ.

ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް އެހީތެރިވެދޭ އުގުޅާ ބޭސް ހުންނަ ކަމުގައި ވެއެވެ. މިފަދަ ބޭސްތައް ބޭނުންކުރުމުގައި އެދެވިގެންވާ ގޮތަކީ ކޮބާ؟ އަދި އެކަމުގެ ސަބަބުން އަނބިމީހާއަށް އެއްވެސް ގެއްލުމެއް ލިބިދާނެތަ؟

ބައެއް ފަހަރު ޖިންސީގުނަވަނުގައި ވަރުނުޖެހެނީ ވަރުޖެހުމަށް އެކަށީގެންވާ ވަރަށް ޖިންސީ ގުނަވަނަށް ލޭ ވާސިލް ނުވާތީ ކަމަށް ވެސް ވެދާނެއެވެ. ވަރުޖެހުމަށްޓަކައި ފިރިހެން ހަށި ދެމިގެންދަނީ މިބުނި ލޭ ވާސިލްވުމުން ކަމަށްވާތީ މިހާލަތުގައި ރަގަޅަށް ވަރުނުޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިކަން ކުރިމަތިވަނީ ލޭހޮޅިތައް ހަރުވުން ފަދަ ކަމެއް މެދުވެރިވުމުންނެވެ. ހަކުރުބަލީގެ އަހުލުވެރިންގެ މެދުގައި މިކަން ކުރިމަތިވާލެއް އާންމެވެ. މިބުނި އުސޫލުން ރަގަޅަށް ޖިންސީ ގުނަވަނުގައި ވަރު ނުޖެހޭނަމަ ޖިމާއުވާން ފެށުމުގެ ކުރިން ފިރިހެންހަށީގައި ”ނައިޓްރޯގްލިސްރީން” ކިޔާ ކްރީމެއް އުގުޅާށެވެ. މިކްރީމް އުގުޅުމުން ހަންގަޑުތެރެއިން އެތެރެއަށް ދެމި ލޭހޮޅިތައް ދެމި ފުޅާވުމަށް އެހީތެރި ވެދެއެވެ. މިމާއްދާ ބޭނުންކުރުމުން ދިމާވާ އެންމެ އާންމު ކަމަކީ ބޮލުގައި ރިއްސާގޮތް ވުމެވެ. އަނބިމީހާއަށް ވެސް ޖިމާއުވުމަށްފަހުގައި މީގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވާގޮތް ވެއެވެ. އެއީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ވެޖައިނާގެ ތެރެއިން އަންހެނާގެ ހަށިގަޑަށް މިމާއްދާ ދެމި ފެތުރިގެންދާތީ އެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް ބޭސް އުގުޅުމަށް ފަހު މެޑިކަލް ހުރަސް އެއް ބޭނުންކުރެވިދާނެ އެވެ.

ޖިންސީ އެދުންވެރިކަން ހީވާގިކޮށް ފިރިހެން ހަށީގައި ވަރުޖެހުން ގަދަކުރާ ތަފާތު ބާވަތްބާވަތު އުގުޅާ ބޭހާއި ކްރީމް ފާމަސީ ތަކުގައި ހުރެއެވެ. މިފަދަ ތަކެތި ބޭނުންކުރުމަށް ވަކިމުއްދަތެއް ވޭހެއްޔެވެ؟ އަދި އެ ބޭނުންކުރުމުން އެއްވެސް ނުރައްކަލެއް ކުރިމަތި ވެދާނެތޯއެވެ؟

ޖިންސީ ބަލިކަށިކަން ހުރިތޯ ކަނޑައަޅާނީ އެކަމުގެ ޚާއްޞަ ޑޮކްޓަރެއްގެ އެހީގައެވެ. އަދި މިކަމަށް ފަރުވާ ކުރެވެނީ ވަކި ޚާއްޞަ ބޭސްތަކެއްގެ އެހީގައެވެ. އެހެންކަމުން އެއްވެސް ހާލެއްގައި ގޮތްނޭގޭ ކްރީމެއް ނުވަތަ އުގުޅާބޭހެއް ވެސް ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.

އަދި މިފަދަ ބޭސްތައް ބޭނުންކުރާ އިރު ވިސްނަންޖެހޭ އަނެއްކަމަކީ އޭގެ ސަބަބުން ޖިންސީގުނަވަނުގެ ހަންގަޑަށް ހީނުކުރާ ފަދަ ގެއްލުމެއް ވެސް ލިބިދާނެ ކަމެވެ. ހަމަ މިހެން ޖިންސީ ބާރު ގަދަ ކުރުމަށް ފަތްޕިލާ ވެލި ބޭނުންކޮށްގެން އުފައްދާފައި ހުންނަ ބާވަތްތައް ވެސް ޑޮކްޓަރެއްގެ މަޝްވަރާޔާ ނުލައި ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

 އަލަށް ކައިވެނިކުރާ މީހަކު ޖިންސީ ހީވާގިކަން އިތުރުކުރުމަށް ވިއަގްރާ ބޭނުންކުރުމަކީ ރަގަޅު ކަމެއްތަ؟

ވިއަގްރާ ބޭނުންކޮށްއުޅެނީ ރަގަޅަށް ވަރުނުޖެހުން ތަކުރާރުކޮށް ދިމާވުން، ނުވަތަ ވަރުޖެހުމަށްފަހު ޖިންސީ ގުޅުން ހިންގައި ނިމެންދެން ދެމިހުންނަގޮތް ނުވާނަމައެވެ. އެހެންކަމުން ތަބީއީގޮތެއްގައި ރަގަޅަށް ވަރުޖެހޭ ނަމަ ޖިންސީ ބާރު ގަދަކުރުމުގެ ބޭނުގައި ވިއަގްރާ ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ހަމަމިހެން މިފަދަ ބޭހެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ޖިންސީ ގުނަވަނުގައި ވަރުޖެއްސުމަށް އިންޖެކްޝަން ބޭނުންކުރުމުން ދިމާވެދާނެ ނުރައްކަލަކީ ކޮބާ؟

ޖިންސީ ބަލިކަމުގެ ފަރުވާއެއްގެ ގޮތުގައި ޖިންސީގުނަވަނަށް އިންޖެކްޝަނެއްގެ ސިފައިގައި މާއްދާއެއް ފޯރުކުރެވެއެވެ. މިމާއްދާގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ލޭ ވާސިލްވުން އިތުރުވެ، ޖިންސީ ގުނަވަނުގައި ވަރުޖެހުން މެދުވެރިކުރުވައެވެ. ޖިންސީ ބަލިކަމުގެ ފަރުވާގެ ގޮތުގައި ބޭނުންކުރެވޭ އެހެން ކަންތައްތަކާއި ޚިލާފަށް މިއުސްލޫބު ބޭނުންކުރެވޭލެއް ފަސޭހަ ނަމަވެސް ނުރަގަޅުގޮތުގައި މިކަން ކޮށްފިނަމަ ނޭދެވޭ އަސަރެއް ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ.

އިންޖެކްޝަން ޖަހަން ޖެހޭ މިންވަރަށްވުރެ އިތުރު ޑޯޒެއް ބޭނުންކޮށްފިނަމަ ދިގުމުއްދަތަކަށް ވަރުޖެހިފައި ހުރުން މެދުވެރިވާގޮތް ވެއެވެ. އަދި ވެރުޖެހުން އެތައްގަޑިއިރަކަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް އެތައް ގަޑިއިރަކަށް ވަރުޖެހުން ދެމިގެންދާ ގޮތް ވެއްޖެ ނަމަ ޖިންސީ ގުނަވަނާއި ގުޅިފައިވާ ލޭހޮޅީގައި ”ގަނޑުލޭކޮޅެއް” އުފެދި، ޖިންސީ ގުނަވަނުގެ ޓިޝޫތަކުގައި ފައިބަރަސް ޓިޝޫ އުފެދޭ ގޮތްވެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީގުނަވަނުގައި ވަރުޖެހުން މެދުވެރި ނުވާގޮތް ވެއެވެ. މީގެ އިތުރުން ބޭނުންކުރެވޭ އިންޖެކްޝަން ކަށި އެހެން އެއްޗަކާއި ތަޣައްޔަރުވެފައި ވުމުގެ ސަބަބުން އިންފެކްޝަން އުފެދުން، ލޭހޮޅިތައް ހަރުވުން، ޖިންސީ ގުނަވަނަން އެއްއަރިއަކަށް ލެބޭގޮތް ވުން ނުވަތަ އިންޖެކްޝަން ޖެހިތާގައި ފާރުކޮޅެއް އުފެދޭގޮތްވުން، ނުވަތަ ރިއްސުން ފަދަ ކަންތައްތައް ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ.

މައުލޫމާާތު: ކަވާސާ