ދިވެހިންނާއި ކާތަކެއްޗާ އޮންނަނީ އާދައިގެ ގުޅުމެއް ނޫނެވެ. އޮފީސް ގަޑިތަކުގައި ވައި ޖައްސާލައި، ހިތްހަމަ ޖައްސާލުމަށް ވެސް އެންމެ ގިނަ ބަޔަކު ހިޔާރު ކުރަނީ ކެފޭތަކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ފޫހި ފިލުވާލުމުގެ ގޮތުން ވެސް ރެސްޓޯރަންޓުތަކާއި ކެފޭތައް ފަޅު ފިލުވާލަދޭ އެކި އުމުރުފުރައިގެ މީހުންގެ އަދަދު ވަކި މަދެއް ނުވާނެ އެވެ މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި ހުޅުވިގެންދިޔަ އިތުރު ރެސްޓޯރެންޓްތަކުގެ ސަބަބުން މިފޯރި އިތުރުވާނެކަމަށް ޤަބޫލު ކުރެވެއެވެ.
ގްލޯރިއާ ޖީންސް ކޮފީސްއާއި ބާރގަރކިންގް، ޕިއްޒާ ހަޓް އަދި ކޮފީ ކުލަބް ފަދަ ތަންތަން ހުޅުވިގެން ދިއުމާއެކު މިފޯރި އިތުރަށް ގަދަވާނެ ކަމަށް ޤަބޫލު ކުރެވެއެވެ. ޕިއްޒާ ހަޓް ނުހުޅުވަނީސް ތަދާމާލާ އެޔޮތް ބޮޑު ކިއު ފެނުނުމުން މިކަން ޔަގީންވާ މިންވަރަށް ކަށަވަރު ވެއްޖެއެވެ.ބުނަން މިއުޅެނީ ރެސްޓޯރެންޓްއަށް ދިއުމަކީ ގޯސްކަމެކޭ އެއްނޫނެވެ. ދައްކަން މިއުޅެނީ ދިވެހިން ކަންކުރާ ގޮތުގެ ވާހަކައެވެ. ރެސްޓޯރެންޓްތަަކަށް ހާހުން ޚަރަދުކޮށްލާ މާރުކޭޓް ގޮޅީގައި އިންނަ ނިކަމެތި މީހާއަތުން ދެ ރުފިޔާއަށް މިރުހެއް ވިއްކުމުން އެއަގު ބޮޑު ކަމަށް ބުނެ ޒުވާާބު ކުރާ ވާހަކައެވެ.
ރެސްޓޯރެންޓްތަކަށްގޮސް ތިޔައިގެ ތެރެއިން ކޮންމެ މީހަކުވެސް ޓިޕްގެ ގޮތުގައި ވެއިޓަރ މީހާއަށް ކޮންމެސް ވަރެއް ދޭނެ ތާއެވެ. ތިމާގެ މޮޅުކަން ދައްކާލަން ވިޔަސް އެ އެބަ ދޭތާއެވެ. އެހެންނަމަވެސް، ހަމަ މިމީހާ ބާޒާރުމަތީ ކަން ކުރާ ގޮތަށް ބަލާލަމާ ހިގާށެވެ. އެންމެ ރުފިޔާއެއް ނުދެވުނަސް އެތާންގައި އިންނަ ބޭބެޔަކީ ވަގެއްކަމަށް ގޮވާ ފަހަރު އަންނަނީ މަދަކުން ނޫނެވެ. މިއީ ދިވެހިންގެ މިޒާޖޭ ބުނެ ނިންމާލާވް ވީ ހެއްޔެވެ؟ ނޫނެވެ. އެތާންގައި އެތިބޭ މީހުން ދުވާލުދާ ހަތަރުދަމު ފޫހިކަމެއްނެތި ތިމާގެ ބަދު ބަސްތަކަށް ކެތްކޮށްލައިގެން އެތިބެނީ އެމީހުންގެ އަނބިދަރީންގެ ބަނޑު ފުރާނަ މުއްތިކޮށްލަދޭށެވެ. ބުރަ މަސައްކަތްކޮށް ލާރި ހޯދަނީ ސަލާން ޖެހުމަކީ އެމީހުން ކުރަން ބޭނުންވާ ކަމަކަށް ނުވާތީއެވެ. އެހެންނަމަވެސް ތިބާ މިކަމާމެދު ދެކެނީ ކިހެއްޔެވެ؟ މާރުކޭޓުގައި ތިބޭނީ ވަރަށް ދަށް މީހުންތާއެވެ؟ އެމީހުނާ ވާހަކަ ދައްކަން ޖެހޭނީ ބޭއަދަބީކޮށްތާއެވެ؟

މަސްމާރުކޭޓު. ފޮޓޯ: މިހާރު

 

ބޮޑެތި ފިހާރަތަކަށް ގޮސް ބާކީ ދިނީމާ” ނޯތޭންސް” އޭ ބުނެލާ މީހާ ބާޒާރުމަތީ އިންނަ ނިކަމެތި މީހާއަތުން 2 ރުފިޔާއަށް ލުބޯ އެކޭ ބުނުމުން އެއް ރުފިޔާ ދީފައި ލުބޯ ހިފައިގެން ދިއުމަކީ ކަޑަކަމެކެވެ. ދައްކަން މިއުޅެނީ މިވާހަކައެވެ. އެއްވެސް ހާލެއްގައި މޮޅެތި ރެސްޓޯރެންޓްތަކަށް ގޮސް ކެޔުން ގޯސް ކުރަނީ ކީއެއް ނޫނެވެ. ބުނަން މިއުޅޭ ވާހަކައަކީ ތިމާާގެ ޙަޤީޤީ މުއްސަދިކަން ހާމަވާނީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެއިން ޚަރަދުކޮށްގެނެވެ.