ލޯންޗު ކުރިތާ ދެ ދުވަސްތެރޭ އިންޑިޔާގެ މުވާސަލާތީ ސެޓަލައިޓެއް ގެއްލިފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ޖީ.އެސް.އޭ.ޓީ.6އޭ ގެ ނަން ދެވިފައިވާ ސެޓެލައިޓަކީ އިންޑިޔާގެ އަސްކަރީ ކަންކަމުގައި ކުރެވޭ މުއާސަލާތްތައް އިތުރަށް ރަނގަޅުކުރުންކަމުގައި ބެލެވިފައިވާއިރު 2066 ކިލޯގްރާމްގެ ބަރުދަންހުރި އެ ސެޓެލައިޓަކީ 2.7 ބިލިއަން ރުޕީސް ނުވަތަ 41.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން އިންޑިޔާއިން އުފެއްދި ސެޓެލައިޓެކެވެ.

އިންޑިޔާގެ ޖައްވީ އެޖެންސީކަމުގައިވާ އިސްރޯއިން ވަނީ ސެޓެލައިޓްއާއި ގުޅުން ކެނޑިފައިވަނީ ޕަވާރ ސަޕްލައިގެ މައްސަލައެއްގެ ސަބަބުންކަމަށާއި އަދިވެސް ގުޅުން އަލުން ގާއިމުކުރުމުގެ މަސައްކަތްކުރެވެމުންދާކަމަށް ހާމަކޮށްފައެވެ.

އިންޑިޔާއިން މިސެޓެލައިޓް ލޯންޗް ކުރުމާއި ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު އެކަމުގައި އުޅުއްވި ސައިންސްވެރިންނަށް ހިއްވަރުދީ ޓުވީޓެއް ކުރައްވާފައެވެ.

މިދިޔަ ފެބްރުއަރީ މަހު އިންޑިޔާއިންވަނީ އެއްފަހަރާ 104 ސެޓެލައިޓް ޖައްވަށް ދޫކޮށް ރިކޯޑެއް ހަދާފައެވެ.