ޕުރިޔަންކާ ޗޯޕްރާއަކީ ދިވެހިންގެ ތެރޭގައިވެސް ބޮޑު މަޤްބޫލުކަމެއް ހޯދައިވާ ބާތަލާއެކެވެ. އެހެންނަމަވެސް ބޮލީވުޑް ދޫކޮށް ހޮލީވުޑްއަށް ދިއުމާއެކު އިންޑިޔާގައިވެސް ޕުރިޔަންކާގެ މަޤްބޫލުކަންވަނީ ގެއްލިގެން ގޮސްފައެވެ.
ހޮލީވުޑްގެ ސީރީސްއެއް ކަމަށްވާ ކުއެންޓިކޯގެ މިދިޔަ ތިން ސީޒަންގައިވެސް ޕުރިޔަންކާވަނީ ފެނިގެންގޮސްފައެވެ. އަދި ވަރަށް އަވަހަށް ކުއަންޓިކޯގެ ހަތަރުވަނަ ސީޒަން ނިކުންނަ އިރު މީޑިޔާ ރިޕޯޓްތަށް ބުނެފައިވަނީ ޕުރިޔަންކާ މިސީޒަންއިން ފެނިގެން ނުދާނެކަމަށެވެ.
މީޑިޔާ ރިޕޯޓްތަށް ބުނެފައިވަނީ ޕުރިޔަންކާވަނީ އަލީ އައްބާސް ޒަފަރ ޕުރަޑިއުސް ކުރާ ފިލްމެއްކަމަށްވާ “ބަރަތް” ކުޅުމަށް ޝައުޤުވެރިކަން ފާޅު ކޮށްފައެވެ. މިފިލްމަކީ ސަލްމާން ޚާންވެސް ފެނިގެންދާ ފިލްމެކެވެ. ޕުރިޔަންކާ އެންމެ ފަހުން ސަލްމާން ޚާންއާއެކީ ފިލްމެއް ކުޅެފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.
35 އަހަރުގެ ޕުރިޔަންކާ ޗޯފްރާ އެންމެ ފަހުން ބޮލީވުޑްގެ ފިލްމެއް ކުޅެފައިވަނީ 2016 ވަނަ އަހަރުއެވެ. އެއީ “ޖޭ ޖަންގާޖަލް” ނަމަކަށްކިޔާ ފިލްމަކުންނެވެ. ގިނަ ބަޔަކުދަނީ ޕުރިޔަންކާގެ ބޮލީވުޑްގެ ފިލްމަކަށް އިންތިޒާރު ކުރަމުންނެވެ.