ޖަޕާނުގެ ވެރިރަށް ޓޯކިއޯއަކީ ދިވެހިންނަށް އައު ތަނެއް ނޫނެވެ. އެތައް ދިވެހިންނެއް އެތަނަކަށް އެތަށް ފަހަރަކު ޒިޔާރަތްކޮށްފައިވާ ދިވެހިންގެ ތެރޭގައި މަޤްބޫލުތަނެކެވެ. ފުރަތަމަ ޒިޔާރަތުައި އެތަނުގެ އިމާރާތްތަށްފެނި ސޮނި ވެއްޓި އެތަށް އިރަކު ތިބި ދިވެހިންނެއްވެސް މިދިވެހިންގެ ތެރޭގައި އެބަތިއްބެވެ.

އެހެންނަމަވެސް، ސަރުކާރުގެ ފަރާތްރަކުން ދިވެހި ރާއްޖެ ޖަޕާންގެ ވެރިރަށް ޓޯކިއޯ ތަރައްޤީ ކޮށްފައިވާ ގޮތް މިސާލަކަށް ބަލައިގެން މާލެ ތަރައްޤީ ކުރަން އުޅޭ ވާހަކަ ބުނުމުން އެކަންވީ ދިވެހިންނަށް ޖޯކަކަށެވެ. މާލޭގެ މަގުތަކުގައި އިމާރާތްތަކުން ނިކުންނަ ފެން ދައުރު ކުރާާ ހޮޅިތަކާ ޓޯކިޔޯގެ ފޮޓޯތަކާއި އަޅާ ކީއިރު، ދިވެހިންނަށް އެވަރުގެ މަޖާކަމެއް ނެތެވެ. އިދިކޮޅު ސިޔާސީ އެކްޓިވިސްޓުންވެސް ބެލީ މިކަމަށް ވީ ވަރަކުން ހަޖޫ ޖަހާ މިކަމަމަކީ ސަރުކާރުން ދިވެހިންގެ ލޮލޮގައި އަޅުވަން އުޅޭ އަދުނެއް ކަމުގައި ދެއްކުމެވެ. ދިވެހި ރާއްޖެ އެބުނާ ޓޯކިއޯއަށް ވެދާނެތޯ ކުރެވޭ ސުވާލަށް އިންސާފުކޮށްލަމާ ހިގާށެވެ.

2013 ވަނަ އަހަރު މިހާރުގެ ރައީސުލް ޖުމްހުރިއްޔާާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދިވެހި ރާއްޖޭގެ ރައީސްކަމާއި ހަވާލުވެ ވަޑައިގަތް ހިސާބުން ދިވެހި ރާއްޖޭގައި ގިނަ ކަންތައްތަކެއް ދިޔައީ ބަދަލު ވަމުންނެވެ. ބައެއް ޤައުމުތަކާއެކު އޮންނަ ގުޅުންތައް ހަނި ކުރެއްވި އިރު، އަނެއްބައި ޤައުމުތަކާއެކު އޮންނަ ގުޅުންތައްވަނީ އިތުރަށް ގާތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ރާއްޖެއަށް މީގެ ކުރިން ނުދެކޭފަދަ އެތައް ބަދަލެއް އައިތަން ފެނިގެންދިޔައެވެ. ޚިޔާލު ފާޅު ކުރެއްވުމުގެ މިނިވަންކަން ހަނިކޮށް ވަކި އިމެއްގައި ހިފެހެއްޓެވިއިރު، ރައީސް ޔާމީންގެ ތަރައްޤީޤެ މަސައްކަތްދިޔައީ ކުރިއަށެވެ. މާލޭގައި އެތަކެއް އުސް އިމާރާތްތަކެއް އަޅާ ދިވެހި ރާއްޖެ އެބުނާ ޓޯކިއޯއަށް ހެދުމުގެ ފުރިހަމަ ވިސްނުންފުޅު އެމަނިކުފާނުގެ ގެންގުޅުއްވިއެވެ. މިހާތަނުން އުފެދޭ ސުވާލަކީ އުސް އިމާރާތްތަކެއް ރާއްޖޭގެ ވެރިރަށް މާލޭގައި އެޅުމުން މާލެ ޓޯކިއޯއަކަށް ބަދަލުވާނެ ހެއްޔެވެ.؟

ވިސްނާލަމާ ހިގާށެވެ. ވެރިރަށް މާލެ ޓޯކިއޯއަށް ބަދަލު ކުރުމަކީ ހަމައެކަނި މާލޭގެ ނަލަމަތި ރީތިކޮށްލުން އެކަނި ހެއްޔެވެ؟ ނޫނީ އެއީ ޓޯކިއޯ ކަހަލަ އަމާާންތަނަކަށް ދިވެހި ރާއްޖެ ހެދުން ނޫންހެއްޔެވެ؟ ރަގަނޅެވެ! އިންވެސްޓަރުން ގެނެސްގެން ރާއްޖޭގައި ކިތަންމެ އުސް އިމާރާތްތަކެއް އެޅިދާނެއެވެ. ކިތަންމެ އުސްކޮށް އިމާރާތްތަކެއް ހެދިކަމުގައި ވީނަމަވެސް ޓޯކިއޯއަށް ރާއްޖެ ހަދަން ބޭނުންނަމަ އުސްކުރަންވީ ދިވެހީންގެ ވިސްނުމެވެ.

ޖަޕާނުގެ ވެރިރަށް ޓޯކިއޯއަކީ ދުނިޔޭގައި އޮތް އެންމެ އަމާން އަދި އެންމެ ކުށް މަދު އެއް ޤައުމެވެ. ފޯނު ކައުޓަރ މަތީ ބާއްވާފައިދިޔަސް އަދި އެ ފޯން ލިބުމުގެ ފުރިހަމަ ޔަގީންކަން އޭގެ ވެރިމީހާއަށް އޮވެއެވެ. އެހެންނަނަމެސް ރާއްޖޭގެ ހާލަތު ތޯއެވެ. މަގުމަތީގައި ހިގާފަައިދާއިރުވެސް ވަގަށް ނެގުމުގެ މައްސަލަތަށް މަދެއްނޫނެވެ އަދި އެމައްސަލަ ތަޙްޤީޤީ އިދާރާތަކުން މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ސަބަބުން މިފަދަ މައްސަލަތަށް އިތުރުވެގެން ދެއެވެ. ޓޯކިއޯއަށް ރާއްޖެހަދަން ބޭނުންނަމަ ހައްލު ކުރަންވީ މިމައްސަލައެވެ.

ޖަޕާނުގެ ވަރަށް އާއްމު ސިޔާސަތެއް އޮވެއެވެ. އެއީ އެމީހުންގެ ޘަޤާފަތަށާއި އާދަކާދައަށްދޭ ސަމާލުކަމެވެ. ސުކޫލުގެ މުޤައްރަރުގެ ތެރެއިން ކުއްޖާއަށް އެޤައުމުގެ ތާރީޚާއި ޘަޤާފަތް ދަސްކޮށްދެއެވެ. އެމީހުންގެ ބަހަށް އެމީހުންގެ ތެރޭގައިވަނީ ޚާއްސަ ޤަދަރެއް ދެވިފައެވެ. އެހެންނަމަވެސް ދިވެހިންގެ ހާލަތަށް ވިސްނާލަމާ ހިގާާށެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި އޮންލައިން ނޫހެއް ކަމަށްވާ “އަވަސް” އިން ސުކޫލު ދައުރު ނިންމާލި ބައެއް ކުދިންނާ އެދުވަސް ފާާހަގަ ކުރަނީ ކީއްކުރަންތޯ އަހާލުމުން، “އެކްޗުލީ އައި ޑޯންޓް ނޯ” އޭ ބުނުމުން ދިވެހިންގެ ތާރީޚަށް ދީފައިވާ އަހަމިއްޔަތު ވަރަށް ރަަގަނޅަށް ހާމަވެގެންދެއެވެ. އެހެންނަމަވެސް މިކަމުގައި އެކުއްޖާ އެކަނި ކުއްވެރި ކޮއްގެން ފުއްދާލެވެން ނެތެވެ. ކުއްވެރި ކުރަންވީ މުޅި އެޑިއުކޭޝަންގެ ނިޒާމެވެ.

ކޮންމެޔަކަސް ދިވެހި ރާއްޖެވެސް ޓޯކިއޯއަކަށް ހެދިދާނެއެވެ.އެހެންނަމަވެސް ފުރަތަމަ ބަދަލު ކުރަންވީ ދިވެހިންގެ ވިސްނުމެވެ.