ބައެއްފަހަރު ދެމަފިރިންނަށް ކުއްޖަކުލިބެނީ ކުއްޖަކަށް ބޭނުންވެފައި ތިއްބައެއް ނޫނެވެ. އިންތިޒާރު ކުރެވިފައިނެތް މެހެމާނެއް ގެއަށްއައުމުން ދެމަފިރިންގެ ޒަވާޖީ ހަޔާތް ގަޑުބަޑުވެއެވެ. ނަމަވެސް އެކަމަށް ތައްޔާރުވެގެން ތިއްބައި ކުދިން ލިބުނަސް، މިކަމުގެ ރަނގަޅު ނުވަތަ ނުބައި އަސަރުތަކެއް ކައްވެންޏަށް ކުރާކަމަކީ އެގި ފާޅު ކަމެކެވެ. ކުދިން ލިބުމުން ދެ މީހުންގެ ޒިންމާބޮޑުވެ، ފިރިމީހާ އަނބިމީހާއަށް ދޭންޖެހޭ ގިނަ ހައްޤުތަކަކަށް ފަރުވާ ކުޑަ ކޮށްލައެވެ. ކުރިން އޭނާގެ ހުރި ޗާލު ކަމާއި ފަރިކަން ގެއްލުމުގެ ސަބަބުން، މޫނު އަނެއްފަރާތަށް އަނބުރާލައެވެ. ކައިވެންޏަކީ ހަމައެކަނި ރީތި އަންހެނެކޭ މިފަދަ މީހުންނަށް ހީވާކަހަލައެވެ.

އަނެއް ކޮޅުން ބައެއް އަންހެނުންނަށްވެސް ހީވަނީ ކައިވެންޏަކީ ހަމައެކަނި ކުއްޖެއް ހޯދައިގެން، ގައިގައި ދުވާ ކިރުވަހުން ކައިރިނުވެވޭފަދަ ދަރަޖައެއްގައި ހުރުމެވެ. ނުވަތަ މި މީހުންނަށް ތިބެވެނީ މިހެންނެވެ. ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ ފަހަތުގައި ކޮންމެފަހަރަކު، ކާއެއްޗެހީގެ ލޮނު މަޑުވުން، ފިރިމީހާ މަސައްކަތްކޮށްފައި އަންނަލެއް ލަސްވުން، ވާކަށް ނުޖެހެއެވެ. ކުއްޖަކު ލިބުމުން ޖެހޭ މައްސަލަތަކާއި، ކުއްޖާ ތަރުބިއްޔަތު ކުރުމުގައި އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންވެސް ޒަވާޖީ ހަޔާތް ހަލަބޮލިވެއެވެ. ކުދިން ލިބުމުން ކައިވެންޏަށް ކުރަނީ ރަނގަޅު އަސަރުތޯ ބަލަން ލޭޑީޒް ހޯމް ޖާނަލް އިން އަންހެނުންގެ ޚިޔާލު ހުންނަގޮތް ދެނެގަންނަން ސާވޭ އެއް ކުރިއެވެ. ތިރީގައިމިވަނީ މި ސާވޭގެ ނަތީޖާ ދެއްކި ގޮތެވެ.

ކުދިންލިބުން ކައިވެންޏަށް ކުރީ ކޮންކަހަލަ އަސަރެއްތަ ؟

“ކުދިން ލިބުމުން އަހަރެމެންގެ ގުޅުން ވީ، އިހުނަށްވުރެ ވަރުގަދަ” 35% މީހުންބުނެފައިވެއެވެ. “ފުރަތަމަ ކޮޅު ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އަހަރެމެންގެ ގުޅުމަށް އައި ، ނަމަވެސް ފަހުން އެކަން ރަނގަޅުވެއްޖެ” 33% މީހުން ބުނިއިރު ، ދެމަފިރިން ވީ އަރައިރުންތަކުގެ އެންމެ ބޮޑު ސަބަބަކީ ދަރިންކަމަށާއި ނަމަވެސް އަދިވެސް އެކުގައި އުޅޭކަމަށް 19% މީހުން ބުންޏެވެ. ކުދިންނާއި ގުޅުންހުރި މައްސަލަތަކުގައި ވެވޭ ޚިލާފުތަކުގެ ސަބަބުން ވަރިފަށާއި ހަމައަށް ނުދިޔައީ ކިރިޔާކަމަށް ބުނީ، ސާވޭ ކުރެވުނު މީހުންގެ 13% މީހުންނެވެ.

އަނެއް ކޮޅުން ބަލާއިރު 52% މީހުން ދެކޭ ގޮތުގައި ދަރިން ލިބުމުން ދެމަފރިންގެ ދެމެދުގައި އޮންނަ ލޯބިކުރުމާއި، ޖިންސީ ކަންތައްތަކަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ޢުމުރުން 30 އާއި 32 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މިގޮތަށް ދެކޭ މީހުންގެ ޢަދަދު 58% އަށް އަރައެވެ.

ތިމަންނަ، ހުރިހާ އަޅާލުމަކާއި ފަރުވާލެއް ހަމައެކަނި ދަރިންނަށް ދިނުމުގެ ސަބަބުން، އަޅާލުން ނުލިބޭކަމަށް ކޮންމެވެސް ވަރަކަށް ފިރިމީހާއަށް ހީވާކަމަށް ބުނެފައިވަނީ 34% އެވެ. އާއްމުކޮށް އެހެން ހީވާކަމަށް ބުނެފައިވަނީ 14% މީހުންނެވެ. 52% މީހުން ބުނީ ފިރިމީހާ މިފަދަ ގޮތަކަށް ނުދެކޭކަމަށެވެ.

އެންމެ ބޮޑަށް ޚިޔާލުތަފާތު އުފެދެނީ ކޮންކަމެއްގައިތަ؟

49% މީހުން ބުނެފައިވަނީ އެންމެ ބޮޑަށް ދެމަފިރިން ޚިޔާލު ތަފާތުވަނީ، ކުދިން ތަރުބިއްޔަތު ކުރާނެ ގޮތަކާއިމެދުގަކަމަށެވެ. ކުދިން ލައްވައި ހާސިލުކުރުވަން ބޭނުންވާ ލަނޑުދަޑިތަކާއި، އުންމިދުތަކާއި މެދު ތަފާތުވުމެއް އުޅޭކަމަށް 16% ބުނި އިރު، ކުދިންނަށް ދޭނެ މިނިވަންކަމަކާއި މެދު ދެބަސްވާ ކަމަށް 13% އެއްބަސްވެފައިވެއެވެ. ހަމަ މިވަރުގެ ނިސްބަތެއް ކުދިން ފެންވެރުވުމާއި، ނިންދުމާއި، ސާފުކުރުންފަދަ ކަންތައްތައް ކުރުމުގައި ދެމީހުންގެ ދައުރު ހިއްސާކުރާނެ ވަރަކާއި މެދު ޚިޔާލުތަފާތުވެފައިވެއެވެ. ކުއްޖާގެ ކިޔެވުމުގެ ފެންވަރާއި ހެދި ދެބަސްވަނީ 5% އިރު، އެކުދިން ރައްޓެހިންގެ ގޮތުގައި ގެންގުޅޭ ކުދިންނާއި މެދު 1% މީހުންނަށް އެއްގަލަކަށް އެރިފައިނުވެއެވެ.

ބޭނުމީ ކިތައްކުދިންތަ ؟

އަންހެނުންގެ ތެރެއިން 29% މީހުން މިހާރު ތިބިވަރަށްވުރެ އިތުރަށް ކުދިން ބޭނުންވާކަމަށް ސާވޭގައި ޚިޔާލު ފާޅުކޮށްފައިވެއެވެ. 60% މީހުންނަށް ފެންނަގޮތުގައި މިހާރު ޢާއިލާގައި ކުދިންތިބިވަރު އެއީ އެންމަ އެކަށޭނެ ވަރެވެ. ވީމައި އިތުރަކަށް ދެން ކުދިން ހޯދާކަށް ބޭނުމެއްނޫނެވެ. ކުދިން ލިބިފައިތިބި ޢަދަދު ގިނަވެގެން އެކަމާއިމެދު ދެރަ އިޙުސާސްކުރާކަމަށް ބުނީ އެންމެ 11 % މީހުންނެވެ.

ކުދިންތައް ބޮޑުވުމަށްފަހު ހަދާނީ ކިހިނެއް ؟

ކުދިންތައް ބޮޑުވެ މީހުންނާއި އިދެގެން ނުވަތަ އެނުންވެސް ގޮތަކުން ދިއުމުން، ތިމާގެ އަމިއްލަ ކަންތައްތައްކަށް އަނެއްކާވެސް އަލުން ވަގުތު ލިބި އެކަންތަކާއިގެން އުޅޭނެކަމަށް ބުނީ 38% އަންހެނުންނެވެ. 30% ބުނިގޮތުންނަމަ ދަރިންބޮޑުވެގެން ދިއުމުން ކުރާނެ ވަކިކަމެއް ނޭގެއެވެ. އަދި ކުދިންމަތިން ވަރަށް ހަނދަންވާނެއެވެ. 26% ބުނީ ކުދިންމަތިން ވަރަށް ވަރަށް ހަނދާންވެ، އެކުދިން އެކުގައި ނުއުޅުމުގެ އެކަނިވެރިކަން އިޙުސާސްވާނެއެވެ. އަނެއްކޮޅުން ދަރިންކޮޅު ބޮޑުވެގެން، ދުރަށްދާނެ ދުވަހަކަށް ބަލަބަލަ 6% ތިބިކަމަށް މި ސާވޭއިން އެގިފައިވެއެވެ

މަސްދަރު: ކަވާސާ