އަހަރެމެންނަށް ފައިދާ ވާނެކަމަށް ދެކި ނުވަތަ ހިތްފަސޭހަކުރުމުގެ ގޮތުން އަދި ކޮންމެހެން ބޭނުންކުރަންޖެހޭ ކަމަށް ދެކިގެންވެސް ވަރަށް ގިނަ ތަކެތި ދިރިއުޅުގައި ބޭނުންކުރަމުއެވެ. ނަމަވެސް މިގޮތަށް ބޭނުންކުރާ ބައެއްތަކެތިން ކުރާ ނޭދެވޭ އަސަރާމެދު ވިސްނައިލެވެނީ ވަރަށް މަދު ފަހަރެއްގައެވެ. މިފަދަ ބައެއް ތަކެތިން އަހަރެމެންގެ ޒުވާންކަމާއި ރީތިކަމަށްވެސް ގެއްލުންލިބެ އެވެ. ގައިގެ ނާޒުކު ހަންގަނޑާއި ޒުވާން ހަށިގަނޑު އަވަހަށް މުސްކުޅި ވިޔަނުދީ ބެހެއްޓޭނީ މިތަކެއްޗަކީ ކޮބައިކަން ވީހައިވެސް އަވަހަކަށް ދެނެގަނެވި ޙައްލުތަކަކާމެދު ވިސްނައިލެވިގެނެވެ.

މިގޮތުން އަހަރެމެންގެ ދިރިއުޅުމުގައި ޢާއްމުކޮށް ބޭނުންކުރާ އެއާރކޮންޑިޝަނަރގެ ސަބަބުންވެސް ގެއްލުން ތަކެއް ލިބެއެވެ. ތިރީގައި މިވަނީ އެއާރކޮންޑިޝަނަރގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި އޭގެ ހައްލެވެ.

ގޭތެރެ ނުވަތަ ކޮޓަރިތެރޭގައި ބޭނުންކުރާ އޭސީއިން އެތެރެ ފިނިކޮށްދެއެވެ. އެހެންކަމުން އެތެރެއަށްވުރެ ބޭރުގެ ހޫނުކަން މަތިވާނެއެވެ. މިހެންވުމުން އެތެރޭގެ ވައިގެ ތެއްކަމުގެ ނިސްބަތް ދަށްކޮށްލައެވެ. އެގޮތުން ގައިގެ ހަންގަނޑު ހިކި ގައިގެބޭރުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކާ ގުޅުވައިދޭ މަގުތަކުގައި ހުންނަ ތެތްކަން (މިއުކޯސް މެމްބްރޭން) ނެތިކޮށްލައެވެ. އޭގެސަބަބުން މޫނާއި އަތްފައިގެ ހަންގަނޑު ކުރަކިވެ ހިރުވާގޮތް ވެއެވެ. އަދި އެތެރޭގެ ގުނަވަންތަކުގެ މަސައްކަތަށް ކޮންމެވެސް ވަރަކަށް ބުރޫއަރައެވެ. ގިނަ އަހަރުތަކަށް މިކަން ދިގުދެމިގެންދާނަމަ، އުމުރަށްވުރެ ހަންގަޑާއި ހަށިގަނޑު މުސްކުޅިވެއެވެ.

ޙައްލު

އޭސީ ބޭނުންކުރާއިރު ވައިގެ ތެތްކަން އިތުރުކުރުމަށް އެއާރ ހިއުމިޑްފަޔަރެއް ބޭނުންކުރާށެވެ. އަދި އާދަވެގެން ކެމިކަލް ފްރީ ސްކިން މޮއިސްޗަރައިޒިންގ ކްރީމެއް ނުވަތަ ލޯޝަނެއް ބޭނުންކުރާށެވެ. ބިމުގެ އަޑިން އާރުތަކުން ނަގާ ފެން (ތާރމަލް ވޯޓަރ) ސްޕްރޭއެއްވެސް ބޭނުންކުރެވިދާނެއެވެ.