ޔޫޓިއުބް ޗެނަލެއް ހިންގަން ފެށުމަކީ އެއްވެސް އިންވެސްޓްމަންޓަކައި ނުލައި އޮންލައިންކޮށް ފައިސާ ހޯދޭނެ އެންމެ ފަސޭހަ ގޮތެވެ. ދުވާލަކު 5 ބިލިއަން މީހުން ޔޫޓިއުބް ބަލާ ކަމީ އިންޓަނެޓްގައި ޔޫޓިއުބްގެ ބާރުގަދަކަން އަންގައިދޭ ކަމެކެވެ. ހަމަ އާދައިގެ މީހެއްކަމުގައިވާ ޕޫޑައިޕައިގެ ނަމުގައި ޔޫޓިއުބް ޗެނަލެއް ހިންގާ ފެލިކްސް ހެލްބަރގް ވަނީ އެންމެ ޗެނަލެއް މެދުވެރިކޮށް 2015 ވަނަ އަހަރު އެކަނިވެސް 12 މިލިއަން އެމެރިކާ ޑޮލަރު ހޯދާފައެވެ. އޭނާގެ ޗެނަލް ބަލައިލުމަށް  މިލިންކަށް ފިއްތާލާށެވެ.

ޔޫޓިއުބުން ހުޅުވައިލާފައިވާ މިފުރުޞަތު ޙަޤީގަތަކަށް ހަދައިގެން، ޚުދު ހަމަ ކޮންމެ މީހަކަށްވެސް މިފަދަ ކާމިޔާބީއެއް ހޯދިދާނެއެވެ. މިގޮތުން ރާއްޖޭގައި އެންމެ މަޝް ހޫރު އެއް ޔޫޓިއުބް ޗެނަލްއަކީ ފަޓާސް ޓީވީއެވެ.

ތަފާތު ހުނަރު ހުންނަ މީހުނަށް އަމިއްލަ ޔޫޓިއުބް ޗެނަލެއް ހަދައިގެން ހިންގިދާނެއެވެ. މިގޮތުން ވީޑިއޯ ހެދުމަށް ލޯބި ހުންނަ ފަރާތްތަކާއި ކެމެރާއެއް ކުރިމައްޗަށް އަރައި ވާހަކަދައްކައިލަން ކެރޭ ފަރާތްތައް އަދި ޑޮކިއުމެންޓްރީއާއި ކުރުފިލްމު ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިއީ މިހާރަށްވުރެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްލަށް އޮތް ރަނުގެ ފުރުޞަތެކެވެ.

މިއީ ކުރަންޖެހޭ މަސައްކަތުގެ ގޮތުން ވަރަށް އާދައިގެ ކަމެކެވެ. މޯބައިލް ފޯނުން ނުވަތަ ކެމެރާއަކުން ވީޑިއޯ ނަގަން އެނގޭ އަދި ވީޑިއޯ ހަދާ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ވީޑިއޯ ހަދަން އެނގޭ ހަމަކޮންމެ މީހަކަށްވެސް މިމަސައްކަތް ފަސޭހަކަމާއެކު ފަށައިގަނެވިދާނެއެވެ.

މަދު މިނިޓްކޮޅެއްގެ ތެރޭގައި ޔޫޓިއުބް ޗެނަލެއް ހިންގަން ފެށިދާނެ އެވެ. ތިބާއާ ކުރަންޖެހޭ ހަމައެކަނި ކަމަކީ ޔޫޓިއުބް.ކޮމް އަށް ވަދެ، ޗެނަލެއް ހެދުމަށްފަހު ވީޑިއޯ އަޕްލޯޑުކުރަން ފެށުމެވެ.

ނަމަވެސް ކޮންމެ ކަމެއްވެސް ކުރާއިރު މޮޅު ގޮތްތައް ބޭނުންކޮށްފިނަ މަތީ ކާމިޔާބެއް ލިބޭ ފަދައިން ޔޫޓިއުބް ޗެނަލެއް ހިންގާ އިރު ވެސް ވިސްނަންވީ ބައެއް ކަންކަން އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ މަޖާވާ ޒާތުގެ، ކަމެއްކުރާނެގޮތް ކިޔައިދޭ ނުވަތަ ކާއެއްޗެއް ތައްޔާރުކުރާނޭގޮތް ފަދަ، ވަކި މަޢުޟޫއެއް ނުވަތަ ތީމެއްގެ މައްޗަށް ޔޫޓިބް ޗެނަލް ބިނާކުރުމެވެ. ހަމަ ހިތައް އެރި ކޮންމެ ކޮންމެ ކަމަކަށް ނުވަތަ އެއްޗެއްގެ މައްޗަށް ޗެނަލެއް ނުހެދުމެވެ.

މިސާލަކަށް މަސައްކަތްކުރާ އާލާތްތަކަށް ޝައުޤުވެރިކަން ހުރި ނަމަ، އެކިއެކި އާލާތްތަކާ ގުޅޭގޮތުން މީހުން ދެކޭގޮތް (ދީފައިހުންނަ ރިވިއުތައް) އެއްކޮށްގެން ވީޑިއޯއެއް ހަދައިގެން އެއާލާތްތައް ގަތުމާމެދު މީހުންނަށް ރަނގަޅު ގޮތް ނިންމަން ތިބާގެ ޗެނަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ އެވެ.

ދެވަނަ ކަމަކީ އެމީހަކު ޝައުޤުވެރިވާ ތީމެއް އިޚްތިޔާރުކުރުމެވެ. އެގޮތުން ވީޑިއޯ ތައްޔާރުކުރަން ބޭނުންވާ ތީމަށް އެހެން މީހުން ހަދާފައިވާ ވީޑިއޯތަކަށް ލިބިފައި ހުންނަ މަޤްބޫލުކަން (ލައިކްސް) ބަލާށެވެ. އޭރުން އިޚްތިޔާރުކުރާ ތީމަށް މީހުންގެ ޝައުޤުވެރިކަން ހުންނާނޭ މިންވަރު ވަޒަންކުރެވޭނެ އެވެ.

ތިންވަނަ ކަމަކީ އިޚްތިޔާރުކުރާ ތީމްގެ ވީޑިއޯތައް މީހުން ބަލާފައި ހުންނަ އަދަދު ބެލުމެވެ. އާއްމުގޮތެއްގައި ގިނައިން ބަލާފައި ހުންނަ (ވިއުސް ހުންނަ) ވީޑިއޯތައް ހެދިފައި ހުންނަ ތީމްތަކަކީ މީހުންނަށް ބޮޑަށް ފައިދާކުރާނޭ ތީމްތަކެވެ. އޭގެން އަންގައިދެނީ އެތީމްތަކަށް ހުންނަ ވީޑިއޯތައް މީހުން ގިނައިން ހޯދަން މަސައްކަތްކޮށްފައި (ސަރޗްކޮށްފައި) ހުންނާނޭ ކަމެވެ.

ހަތަރުވަނައަށް، އިޚްތިޔާރުކުރާ ތީމަށް އެހެން މީހުން ހަދާފައި ހުންނަ ވީޑިއޯތަކުގައި އުނި ޚިޔާލުތައް ހުރިތޯ ބަލައި ފާހަގަކުރާށެވެ. އަމިއްލައަށް ތައްޔާރުކުރާ ވީޑިއޯތަކުގައި އެގޮތަށް ފާހަގަވާ އުނިކަންކަން ފޫބައްދައިގެން އެފަދަ އެހެން ވީޑިއޯތަކަށް ވުރެ މަޤްބޫލްކަން އިތުރުކުރަން މަސައްކަތްކުރާށެވެ.

ދެން އޮތީ ވީޑިއޯ ތައްޔާރުކުމެވެ. ޝޫޓްކޮށް އަޑާއި މިއުޒިކް އަޅައި ވީޑިއޯ އެޑިޓްކުރުމެވެ. އަދި ޗެނަލް ހަދައި ވީޑިއޯތައް އަޕްލޯޑު ކުރުމެވެ. ދެން އެއަށްފަހު ބެލުންތެރިންނާ (އޯޑިއެންސާ) ގުޅުން ބޭއްވުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތްކުރާށެވެ. ތިބާގެ ވީޑިއޯތަކަށް މީހުންކޮށްފައި ހުންނަ ކޮމެންޓްތައް ކިޔައި އެއާމެދު ވިސްނާށެވެ. ބެލުންތެރިން ތިމާގެ ކިބައިން އުންމީދުކުރާ ފޮރުވިފައިހުންނަ ކަންކަން ދެނެގަންނާށެވެ. ވީޑިއޯތަކުގައި ހުންނަ ބެލުންތެރިން ގަޔާވާ ކަންކަމާއި ގަޔާނުވާ ކަންކަން ހޯދަން މަސައްކަތްކުރާށެވެ. އެންމެ ގިނައިރު މެދުކެނޑުމެއްނެތި މީހުން ބަލާފައިހުންނަނީ (އެންމެ މަތީ ރިޓެންޝަން ރޭޓެއް ލިބިފައި ހުންނަނީ) ކޮން ވީޑިއޯތަކެއްތޯ ދެނެގަނެ އޭގެ ސަބަބުތައް ހޯދާށެވެ. ވާދަވެރިންނަށް ފާރަލައި އަދި އެމީހުން ރަނގަޅަށްކުރާ ކަންކަން ނަކަލުކުރާށެވެ. ނަމަވެސް ސީދާ އެމީހުން ކޮށްފަ ހުންނަ ހުރިހާ ގޮތަކާއި ކަމެއް ނަކަލުނުރާށެވެ. އަބަދުވެސް އަމިއްލަގޮތެއް ގެންގުޅެ އެގޮތް ދަމަހައްޓާށެވެ.

ދެން މިއޮތީ އަޕްލޯޑުކުރި ވީޑިއޯތައް އިސްލާޙުކުރުމުގެ މަރުޙަލާ ފެށިފައެވެ. އަބަދުވެސް އިހުނަށްވުރެ އައު އަމިއްލަ ބަދަލުތައް ފަހުން ހަދާ ވީޑިއޯތަކަށް ގެންނާށެވެ. އެގޮތުން އަހަރެއްހާ ދުވަސް ފަހުން ކުރީގެ ވީޑިއޯތައް ބެލުމަށްފަހު، އެތަކެތި ‘ހާދަ ކަމުނުދޭ’ ޚުދު އަމިއްލައަށް ހިތަށްއަރަން ޖެހޭނެއެވެ. އެއީ ހެޔޮ ފާލެކެވެ. އޭގެން އަންގައިދެނީ މަސައްކަތަށް ކުރިއެރުން އަންނަމުންދާ ކަމެވެ.

ހުއްޓުމެއް ނެތި ތަހުލީލް (އެކްސްޕެރިމެންޓް) ކުރަމުން ގެންދާށެވެ. ކޮންމެ އައު ކަމެއް ކޮށްލައިގެން އޭގެ ނަތީޖާ ބަލައިލުމަށް އެއްގޮތަކަށްވެސް ފަސްނުޖެހޭށެވެ. ވާދަވެރިން ފަހަނައަޅައި ކުރިއަރައިގެން ދެވޭނީ އައު އަދި މޮޅު އެއްޗެއް އުފަންކޮށްގެން ނުވަތަ އެފަދަ ކަމެއް ކޮށްގެނެވެ. އައު އަދި މޮޅު އެއްޗެއް އުފަންކުރުވޭނެ ނުވަތަ އެފަދަ ކަމެއް ކުރެވޭނެ ހަމައެކަނި ގޮތަކީ އެކްސްޕެރިމެންޓްކުރުމެވެ.

މިދާއިރާގައި މަސައްކަތްކުރާ އެހެންމީހުނާ ގުޅިގެން މަސައްކަތްކުރަން ފަށަން ޖެހޭ ވަގުތު މިފެށުނީ އެވެ. އެހެން މީހުންގެ ކިބައިން އެހީތެރިކަން ހޯދައި އެފަރާތްތަކަށް ރައްދު އެހީތެރިކަން ފޯރުކޮށްދޭން ފަށާށެވެ. އެމީހުން ކަންކަން ކުރާގޮތާއި ވިސްނުން ގެންގުޅޭގޮތް ދަސްކުރާށެވެ. އެކުގައި މަސައްކަތްކުރުމުގެ ތެރެއިން އަމިއްލަ ޗެނަލަށް އަންތަރީސްވާ ވަރުގެ ހެޔޮ ބަދަލު އައިސް ޗެނަލް ކުރިއަރައިގެންދާނެ އެވެ. ޔޫޓިއުބް ޗެނަލް ހިންގުމަކީ ލިބޭ އުފަލަކާއި މަޖަލަކަށް ހަދާށެވެ. ލޯބިވާ ކަންކަން ކޮށްގެން ޙަޔާތުގެ ފޮނިމީރުކަން ލިބިގަންނާށެވެ.

މިހިސާބަށް ދިޔައިރު އިންތިޒާރު ކުރަމުން ތިޔަ ގެންދަނީ ޔޫޓިއުބުން ފައިސާ ހޯދާނެގޮތަށްކަން އެނގެއެވެ. ޔޫޓިއުބުން ފައިސާ ލިބޭ އާއްމު އުސޫލަކީ ވަރަށް އާދައިގެ އުސޫލެކެވެ. އެގޮތުން ތިބާގެ ވީޑިއޯތައް ގިނައިން މީހުން ބަލާވަރަކަށް (ގިނަ ވިއުސް ލިބޭވަރަކަށް) ގިނައިން ފައިސާ ލިބެމުންދާނެ އެވެ. މިހާރު ހަދަންވީ ހަމައެކަނި ގޮތަކީ ޔޫޓިއުބްގައި އިންނަ ‘މަނިޓައިޒް’ އޮޕްޝަން ‘އެނޭބަލް’ ކޮށްލުމެވެ. މިއީ މިހާ ފަސޭހަ ކަމެކެވެ! އެކައުންޓް ވެރިފައިކުރުމާއި ބޭންކާގުޅޭ މަސައްކަތްތައް އަދި ޑޮލަރު އެކައުންޓަކާ ލިންކުކުރުމުގެ ކަންކަން އަމިއްލައަށް ކޮށްލާށެވެ. ފަހަރުގައި ރާއްޖެއަށް އޮންލައިންކޮށް ފައިސާ އެތެރެކުރުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ޤަބޫލުކުރާ ބްރޯކަރެއްގެ އެހީ ހޯދަން ޖެހިދާނެއެވެ. ދިވެހިރާއްޖޭގައިވެސް ޔޫޓިއުބުން ފައިސާ ހޯދާ އެތައްބަޔަކު މިހާރުވެސް އެބައުޅެއެވެ. ގިވް އިޓް އަ ގޯ ބަޑީ!