އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަންޕުގެ ކެއުމުގެ ވައްޓަފާޅި ވަކި ގޮތަކަށް ބައްޓަން ކުރުމަށް އަދި ޤަވައިދުން ކަސްރަތު ކުރުމަށް ވައިޓް ހައުސްގެ ފިޒިޝިއަން ޑރ.ރޮނީ ވަނީ މިއަހަރުގެ ޖެނުއަރީ މަހު އިރުޝާދުތަކެއް ދެއްވާފައެވެ.

އެގޮތުން އެއްގަމު މަހުގެ ބާވަތްތަށް ޑައިޓްގައި ނުހިމެނުމަށާއި ޖަންކް ފުޑާއި މިލްކްޝޭކް ފަދަ ބުއިންތައް އެއްގޮތަކަށްވެސް ބޭނުން ނުކުރަން ޑޮކްޓަރު އިރުޝާދު ދީފައިވެއެވެ.

ޑޮކްޓަރ ފާހަގަކުރި ގޮތުގައި ޓްރަމްޕްގެ އިސްކޮޅާއި ބަރުދަނާއި އުމުރަށް މިހާރު ބަލާއިރު، އޭނާ ހުރީ ފަލަމީހެކޭ ބުނާ ފައްތަރަށް ދާ ހިސާބުގަ އެވެ.

ޓުރަންޕަކީ ޖަންކު ފުޑްސްގެ ފޭނެކެވެ. ވައިޓްހައުސްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑައެޓެއްގައި ހުރި ނަމަވެސް ޓްރަމްޕް “ކެއުމުގައި މަކަރު ވެސް ހަދަ” އެވެ. އަދި ޑޮކްޓަރު ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އޭނާ ގަވައިދުން ކަސްރަތު ވެސް ނުކުރެއެވެ.