އަޅުގަނޑުމެންގެ ތެރެއިން  ވަރަށް ގިނަ ޒުވާނުން އިނގިރޭސި (އިނގިރޭސި ބަސް) ދަސްކުރުމަށް ޝައުޤުވެރި ވެއެވެ. އިނގިރޭސިން ބަސްމޮށެ އުޅުމަކީ ފަޚްރަކަށްވުރެ ބޮޑަށް ލިބޭ ކުރިއެރުމަކަށް ދެކިގެނެވެ. އެގޮތަކީ ހަމަ ކޮންމެ ވަޒީފާއެއް އަދާކުރުމުގައިވެސް އިނގިރޭސި މިހާރު މިވަނީ މުހިއްމު ބަހާއަކަށް  ވެފައެވެ. މިގޮތުން ގިނަ ޒުވާނުން ކުރާ ސުވާލެއް އެބައޮތެވެ. ‘އަހަންނަށް އިނގިރޭސި ދަސްވާނީ ކިހިނެއް ހަދައިގެން ހެއްޔެވެ؟’ މި މައުޟޫގައި އަމިއްލަ ތަޖުރިބާއާއި ލިބިފައިހުރި މަޢުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ލިޔުމެއް ލިޔެ ޝާއިޢުކުރަން ގަސްދުކުރީމެވެ. މަޢުލޫމާތަށް ވަކިވަކިން ޙަވާލާދީފައި ނުވަނީ ލިޔުން ކުރުކުރުމުގެ ބޭނުމުގައެވެ.

ޒުވާނާ ކުރާ ސުވާލުގެ ޖަވާބުތައް ވަރަށް ގިނައެވެ. އިނގިރޭސި ވާހަކަފޮތް ކިޔައިގެނެވެ. ޓީވީ ޕްރޮގްރާމްތަކާއި ފިލްމު ބަލައިގެނެވެ. ކޯހެއް ހަދައިގެނެވެ. އިންޓަނެޓްގެ އެހީގައެވެ. ޓިއުޝަން ނަގައިގެނެވެ. މިހިރީ ހައްތާވެސް ގޮތްތަކެވެ. ނަމަވެސް ލިބޭ ހުސްވަގުތާއި މުސާރައާއި އުޅޭ ވަޒީފާގެ އިތުރުން ގަންނަ ލަދު، މިކަންކަން ކުރުމަށް ހުރި ހުރަސްތަކަކަށް ގިނަ ފަހަރަށް ވެދެއެވެ. އެހެންކަމުން ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟

ތަރުޖަމާކުރުމަކީ އިނގިރޭސި ބަސް ދަސްކުރުމަށް އޮތް އެންމެ ލުއި، ޚަރަދު ކުޑަ އަދި ފަހިމަގެވެ. ކޮންމެ ގޮތަކަށް ބަސް ދަސްކުރިކަމުގައި ވީނަމަވެސް ކުރާނީ ހަމަ މިކަމެވެ. ލަފުޒުތަކާއި، ލަފުޒުކޯޅިތަކާއި، ޖުމްލަތައް ތަރުޖަމާކުރުމެވެ. ވާހަކަފޮތް ކިޔައި ޓީވީ ޕްރޮގްރާމްތަކާއި ފިލްމު ބެލިނަމަވެސް ނުވަތަ ކޯހެއް ހެދިނަމަވެސް އަދި  އިންޓަރނެޓް ބޭނުންކޮށް ޓިއުޝަން ނެގިނަމަވެސް ކުރެވޭކަމަކީ ހަމަ ތަރުޖަމާކުރުމެވެ. ދިވެހިބަހުން ފަސޭހައިން ބަސްމޮށޭއިރު ތިމާއަށް އިނގިރޭސިބަހުން ބަސްނުމޮށެވެނީ ސިކުނޑިން ދިވެހި ލަފުޒުތައް އިނގިރޭސިއަށް ބަދަލުކޮށްދޭލެއް ލަސްވީމައެވެ. އެކަން ރަނގަޅުވާ ވަރަކަށް ދާނީ އިނގިރޭސި ބަހަށް ފަރިތަވަމުންނެވެ.

މިހާތަނުން އުފެދޭ ސުވާލުތައް ގިނައެވެ. ތަރުޖަމާކުރާނީ ކޮންއެއްޗެއް ބާވައެވެ؟ ކިހިނެއް ކޮންވަގުތަކު ބާވައެވެ؟ ކިހާ ވަގުތެއް މިކަމަށް ހޭދަކުރަން ޖެހޭނެ ބާވައެވެ؟ އަދި ކުރިއެރުން ފެންނާނީ ކިހާދުވަހަކުން ބާވައެވެ؟

އިނގިރޭސި ބަސް ދަސްކުރުމަށް ތަރުޖަމާކުރާނޭ ތަކެތި ވަރަށްވެސް ގިނައެވެ. މިހުރިހާތަކެއްޗެއް މައިގަނޑު 7 ވައްތަރަކަށް ގިންތިކުރެވިދާނެއެވެ. މިދަންނަވަނީކީ ވާހަކައާއި މަޒުމޫނާއި ޅެން ފަދައިން ގިންތިކުރާ ވާހަކައެއް ނޫނެވެ. މިދަންނަވަނީ ސިފަކޮށްދީފައިވާ ލިޔުންތަކާއި މަޢުލޫމާތު ހިމެނޭ ލިޔުންތަކާއި ކަންކަން ކުރާނޭގޮތް ކިޔައިދީފައިވާ ލިޔުންތަކާއި، ކިޔާމީހާ ލަންބުވާލާގޮތަށް ލިޔެފައިވާ ލިޔުންތަކާއި، ހާދިސާ އެކުލެވޭ ލިޔުންތަކާއި، ކަންހިނގައިދިޔަގޮތް ކިޔައިދީފައިވާ ލިޔުންތައް އަދި ނޯޓުގެގޮތުގައި ލިޔެފައި ހުންނަ ލިޔުންތައް ހިމެނޭގޮތަށް ގިންތިކުރާ ވާހަކައެވެ.
މިދަންނަވާ ގޮތަށް ތަރުޖަމާކުރުން ކުރިއަށް ގެންދެވިދާނެ އެވެ. އިނގިރޭސި ބަހުން ހުންނަ ލިޔުމާއި އެހެނިހެން ތަކެތި (އަޑު އަދި/ނުވަތަ މަންޒަރު ހިމެނޭ ތަކެތި) ދިވެހިބަހަށް ތަރުޖަމާ ކުރާށެވެ. އަދި ދިވެހި ބަހުން އެކުލެވޭ މިފަދަ ތަކެތި އިނގިރޭސި ބަހަށްވެސް ތަރުޖަމާކުރާށެވެ. މިކަމަށް ވަކި ލޮގު ފޮތެއް ގެންގުޅޭށެވެ. ނުވަތަ ކޮމްޕިއުޓަރެއް ބޭނުންކުރާށެވެ. ފޮތެއް ބޭނުންކުރާނަމަ މަތީގައި ދެންނެވި 7 ބަޔަށް ފޮތް ބައިކޮށްލުމަށްފަހު ތަރުޖަމާކުރާ ލިޔުންކޮޅުތައް ލިޔެގެން ނުވަތަ ކަފައިގެން ފޮތުގައި ތަތްކުރުމަށްފަހު އޭގެ ތިރީގައި ތަރުޖަމާކުރާށެވެ. ކޮމްޕިއުޓަރުގައި މަސައްކަތްކުރާނަމަ 7 ފޯލްޑަރު ހަދައި ވޯރޑް ޑޮކިއުމަންޓްތަކެއް ބޭނުންކުރާށެވެ. ދުވަހު ނޫސްތަކާއި އިންޓަނެޓުން އަދި ހަމަ ކޮންމެ ތާކުން ކޮންމެ ލިޔުމެއްވެސް ނެގިދާނެއެވެ. ފަށައިގަންނައިރު ނަގާލިޔުންކޮޅު ދިގުވެގެން 7 ފޮޅުވަތަށްވުރެ ދިގު ނުކުރާށެވެ. ފަރިތަވަމުންދާ ވަރަކަށް ލިޔުންކޮޅު ދިގުކުރެވިދާނެއެވެ. ނަމަވެސް ޞަފްހާއަކަށްވުރެ ދިގު ނުކުރާށެވެ. މިގޮތަށް އިނގިރޭސި ދަސްކުރަން ކުރާ މަސައްކަތުން ތިމާގެ މަޢުލޫމާތުވެސް މުއްސަނދިވާނެއެވެ. ހޭލުންތެރިކަން އިތުރުވާނެއެވެ.

ތަރުޖަމާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ތިމާއަށް އެންމެ ފަސޭހަ ވަގުތެއް އިޚްތިޔާރުކުރާށެވެ. ފަތިސް ވަގުތަކީ ސިކުނޑި އައު ދުވަހަކަށް ތާޒާވެފައި ހުންނަ ވަގުތުކަމުން، މިވަގުތަކީ މިކަންކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. ލިބޭ ހުސްވަގުތުތަކުގެ ހަތަރުބައިކުޅައެއްބައި މިކަމުގައި ހޭދަކުރާނަމަ ފިސާރި ހަލުއި ކުރިއެރުމެއް ލިބިގެންދާތަން ފެންނާނެއެވެ. ކޮންމެ ވަގުތެއްގައި މަސައްކަތްކުރިނަމަވެސް އެންމެ މުހިއްމުކަމަކީ ތަރުޖަމާކުރާ ލިޔުމަށް އެވަގުތުކޮޅުގެ ތެރޭގައި ހުރިހާ ސަމާލުކަމެއް ދިނުމެވެ.

ތަރުޖަމާކުރުމުގައި ދުވާލަކު 20 މިނިޓް ހޭދަކުރުމުން ފުދޭނެއެވެ. ކުރާހިތް ނެތި މަސައްކަތް ނުފައްޓާށެވެ. ޝައުޤުވެރިކަން ހުރި މިންވަރަކުން މަސައްކަތް މަދުކޮށް އިތުރުކުރަމުން ގެންދާށެވެ.

ބަސް ތަރައްޤީކުރުމަކީ ގިނަ ދުވަސް ހޭދަވާ ކަމެކެވެ. އަދި ހަމައެހެންމެ ދުވަހަކުވެސް ތިމާގެ ބަސް ތަރައްޤީވެ ނިމޭތަނެއް ނާންނާނެއެވެ. އެހެންކަމުން އިނގިރޭސި ދަސްކުރުމަށް ވަކި މުއްދަތަކާއި މުހުލަތެއް ކަނޑައެޅުމަކީ ކުރެވޭ މޮޔަކަމެކެވެ. ނަމަވެސް 3 މަސް ދުވަހު މިގޮތަށް މަސައްކަތް ކުރުމަށްފަހު، ކުރިއެރުން ލިބުނުވަރު އަމިއްލައަށް ވަޒަންކޮށްލާށެވެ. ވަޒަންކުރުމުގައި ބަލާނެ މިންގަނޑަކީ މަސައްކަތް ފަށައިގަތް އިރާއި ވަޒަންކުރާ ހިސާބަށް ދިޔައިރު މަސައްކަތްކޮށް ނިންމައިލުމަށް ހޭދަވާ ވަގުތެވެ. އެއީ ޚިޔާލުތައް އުފެދިގެން އަންނަ ހަލުއިމިނަށް އައި ކުރިއެރުމެވެ. ސިކުނޑިން ދިވެހި ލަފުޒުތައް އިނގިރޭސިއަށް ބަދަލުކޮށްދޭ ހަލުއިމިނެވެ.

ޒުވާނާއަށް އިނގިރޭސި ދަސްވާނީ މިހެން ހަދައިގެނެވެ. ނަމަވެސް ހަމައެކަނި މިހެން ހަދައިގެނެކޭ އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. އަޖުމަ ބަލައިލުމަށްފަހު ނިކަން ވާގޮތެއް އަންގާލަބަލާށެވެ!