” އަހަރެންގެ ދަރިފުޅު ވަރަށް ކިޔަން ފަރިތަ. އެކަމަކު ތާނައާއި އިނގެރޭސި ލިޔަން ޖެހިއްޖިއްޔާ އެއީ ކަންތަކާޖެހުނީ. އުނގެނުމުގެ އެއްވެސް ދަތިކަމެއް ހުރި ކަމަކަށް ކަމާބެހޭ ޑަކުޓަރުންވެސް ފާހަގަކޮށްފައެއް ނުވޭ. މިވާ ގޮތެއް ނޭގޭ”

މިއީ މަދުން ނަމަވެސް ބައެއް މަންމައިން ކުރަމުންދާ ޝަކުވާއެކެވެ. ކުއްޖާގެ ނިސްބަތުން ޝަކުވާއަށް އުނިއިތުރު އައިސްފައި ހުރެދާނެއެވެ. ނަމަވެސް މައިގަނޑު ޝަކުވާއަކީ އެއް ޝަކުވާއެކެވެ. ދަރިފުޅު ލިޔަން ނޫޅޭވާހަކައެވެ. ލިޔަން ފޫހިވާ ވާހަކައެވެ.

ރަނގަޅަށް އަކުރުގެ ސިފަގެނެސް ފޮޅުވަތުގައި ލިޔަން ނޭގުމާއި އަމިއްލަ ޚިޔާލު ކަރުދާހުގައި ބަޔާންކުރަން ނޭގުން އަދި ރަނގަޅަށް ބަސްތައް ސްޕެލްކުރަން ނޭގުމަކީ ހަމައެކަނި ތިބާގެ ދަރިފުޅަށް ދިމާވާ މައްސަލައެއް ނޫނެވެ. އަދި ލިޔުމުގައި މީގެ އިތުރު މައްސަލައެއް ދިމާވުމަކީވެސް މާމަދުން ފެންނަކަމެއްވެސް ނޫނެވެ. ދަރިފުޅުގެ ފަރާތުން މިފަދަ ކަމެއް ފާހަގަކުރެވުމަކީ ކަންބޮޑުވާ ކަމެއްނަމަވެސް، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކުރިން ނުވިސްނާ މިންވަރަށް ތަންކޮޅެއް ފުންކޮށް މިމައްސަލައާ މެދު ވިސްނައިލުމެވެ.

ފުރަތަމަކަމަކަށް މިމައްސަލަ ކުރިން ބުނެވިދިޔަ މިންވަރަށް ކުރިމަތިވަނީ ‘އުނގެނުމުގެ ދައްޗެއް’ ކުއްޖާގެ ކިބައިގައި ހުރުމުންކަން ޤަބޫލުކުރަންޖެހެއެވެ. ދިވެހިރާއްޖޭގައި ސައިކޭޓްރިސްޓުންނާ ސައިކޮލޮޖިސްޓުން ތިބި ނަމަވެސް އެފަދަ ފަރާތްތަކަށް ލިޔުމުގައި ކުއްޖާއަށް ދިމާވާ މައްސަލައެއް ވަކިގޮތަކަށް ނިންމަން ދަތިވެދާނެއެވެ. ސަބަބަކީ އެމީހުންގެ ފަންނަކީ ކުއްޖާގެ އުޅުމާއި މިޒާޖު އަދި ޠަބީޢަތު ވަޒަންކޮށް ނަފްސާނީ ދާއިރާއިން ނިންމުމެއް ނިންމުމެވެ. ނަމަވެސް މިފަދަ ހާލެއްގައި ކުއްޖާއަށް ބަސްކިޔަވައިދޭ މުދައްރިސަށް މާފަސޭހައިން މިމައްސަލަ ދެނެގަންނަން އެނގިދާނެކަން ޤަބޫލުކުރަން ޖެހެއެވެ. އުނގެނުމުގެ ދަތިތަކާއި ނަފްސާނީ މައްސަލަތަކަކީ މުޅިން ތަފާތު ދޭއްޗެކެވެ. ނަފްސާނީ މައްސަލައަކުންވެސް އުނގެނުމަށް ދަތިވެދާނެއެވެ. ނަމަވެސް ކޮންމެ އުނގެނުމުގެ ދައްޗަކީ ނަފްސާނީ މައްސަލައެއްގެ ގޮތުގައި މިންކުރެވިގެން ނުވާނެއެވެ.

ދެވަނަ ކަމަކީ ކުއްޖާގެ މުދައްރިސުންނާއި ބެލެނިވެރިޔާ ގުޅިގެން ކުރާ މަސައްކަތުން ލިޔުމުގައި ދަތި ހުންނަ ކުއްޖާގެ ދަތީގެ ބާވަތް ދެނެގަތުމެވެ. ލިޔުމުގައި ދަތި ހުންނަ ކުދިންގެ ފުރަތަމަ ބާވަތަކީ ޖިސްމާނީ(ހަށިގަނޑު، އަތުގެ އިނގިލިތަކާއި، އަތް އަދި އަތްތިލައިގެ ސަބަބުން) ލިޔުމަށް ކުރިމަތިވާ ދައްޗެވެ. މިބާވަތުގެ ތެރޭގައި އަތާއި ލޯ އަދި ސިކުނޑީގައި އެކުލެވޭ އޮލަނބު، މިސްރާބު ކުރުމުގެ ބައި އެކުއެކީ ވިލަރެސްކުރުމުގައި ހުންނަ ދަތިވެސް ހިމެނެއެވެ. މިފަދަ ކުދިން އެންމެ ފަސޭހައިން ދެނެގަނެވޭނެ ގޮތަކީ އެކުދިންގެ އަކުރުގެ ބައްޓަން ހަޑިވުމާއި އެކިއަކުރުގެ ބޮޑުމިން ތަފާތުވުމާއި ފޮޅުވަތުގައި ލިޔުން ނުހިފެހެއްޓުމެވެ. ދެވަނަ ބާވަތަކީ ހިތަށް (ސިނކުޑިއަށް) ޖަމާކުރެވޭ ޚިޔާލު ކިޔައިދޭން އެނގުނު ކަމުގައިވިޔަސް ލިޔަން ފަށައިގަތުމާއި ކުރިއަށް ގެންދިޔުމަށް ދަތިވުމެވެ. މިފަދަ ކުދިން އެންމެ ފަސޭހައިން ދެނެގަނޭވޭނެގޮތަކީ ލިޔުމުގެ ހަލުއިމިން، އެލިޔަން އުޅޭ އެއްޗެއް ކިޔައިދޭން އެނގޭ ވަރަށްވުރެ، ލަސްވުމެވެ. މި ދެ ގޮތުން ކުރެ ގޮތަކުން ލިޔުމުގައި ކުއްޖާއަށް ދަތިކަމެއް ހުރިނަމަ ސައިކޭޓްރިސްޓަކަށް ނުވަތަ ސައިކޮލޮޖިސްޓަކަށް ދެއްކިދާނެއެވެ. ނަމަވެސް ބުނެވިދިޔަ ދަތިގެ ދެވާބަތަކީވެސް މުދައްރިސާއި ބެލެނިވެރިޔާ އަދިކުއްޖާ ގުޅިގެން ކުރާ މަސައްކަތުން އަރައިގަނެވިދާނެ ދަތިތަކެކެވެ. ލިޔުމުގައި ދިމާވާ ދަތިތަކުގެ ޙައްލުތަކާމެދު އެހެން ލިޔުމެއްގައި ބަލައިލާނަމެވެ.

ތިންވަނައަށް ފުންކޮށްވިސްނާލައިގެން ކުރަން އޮތީ ކުޑަކުޑަ ދިރާސާއެކެވެ. ހަދަންވީ ގޮތަކީ ލިޔުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ލިބެން ހުރި ޞައްޙަ މަޢުލޫމާތުތައް އެއްކުރުމެވެ. މިގޮތުން މިކަހަލަ ހުރިހާ މައްސަލަތަކެއްގެ ނަންތައް ފުރަތަމަ ހޯދާށެވެ. ދެން އެއަށްފަހު ތާވަލެއްގެ ސިފައިގައި މައްސަލައިގެ ތަޢާރަފަކާއި މައްސަލައިގެ ޢަލާމާތްތައް ލިސްޓްކުރާށެވެ. މިމަސައްކަތް ނިމުމުން، ލިސްޓްކުރެވުނު ޢަލާމާތްތައް ތިމާގެ ކުއްޖާއާއަށް ކުރިމަތި ވޭތޯ ނުވަތަ ނުވޭތޯ ވަކިމުއްދަތަކަށް ބަލަމުން ގެންދަމުން ފާހަގަޖަހަމުން ގެންދާށެވެ. މިކަން ކުރުމުގައި ކުއްޖާގެ މުދައްރިސުންނާވެސް ސުވާލުކުރެވިދާނެ އެވެ.

މިކަންކަން މިމަގުން ކުރުމަކީ ކުއްޖާއަށް ކުރިމަތިވަމުން އަންނަ މައްސަލައިގެ ޙައްލާކާ\[ ހަމައަށް ކުއްޖާގެ މަންމަ ނުވަތަ ބެލެނިވެރިޔާއަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމުގައި ދެކޭށެވެ. ތިމާގެ ކުއްޖާގެ ކަންކަން ތިމާއަށް ވުރެ ރަނގަޅަށް ފުންކޮށް އެނގޭނޭ މުދައްރިސަކު، އަދި ކިއެއްތަ ނަފްސާނީ ޢިލްމުވެރިޔަކުވެސް ނުހުންނާނެއެވެ. މުހިއްމުކަމަކީ ކުއްޖާގެ މުދައްރިސް، ކައުންސެލަރެއް، ނުވަތަ ސައިކޮލޮޖިސްޓެއް ގާތަށް ދިޔުމުގެ ކުރިން ކުއްޖާގެ މައްސަލަ ތިމާ އަމިއްލައަށް ދެނެގަތުމެވެ. މިގޮތުން އެއްކުރެވޭ މަޢުލޫމާތަކީ އެފަރާތްތަކުން ތިމާގެ ކިބައިން އޮޅުންފިލުވަން ބޭނުންވާނޭ މުހިއްމު މަޢުލޫމާތެވެ.