ތެދު ހެދުމަކީ އެންމެ ރިވެތި ސިފަ ތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. ކޮންމެ މީހަކުވެސް ހުރިހާ ކަމެއްގައި ތެދު ހަދާނަމަ ދިރިއުޅުމުގެ ވަރަށްގިނަ ދަތިތަކާއި އުދަނގުލުން އެމީހަކު ވާނީ ސަލާމަތް ވެފައެވެ. ތިރީގައި މިދަންނަވާ ވާހަކައިގައި އުޅޭ މީހަކީ ވަރަށްގިނަ ގޯސް ކަންތައްތަކެއްކުރި މީހެކެވެ. އެހެނަސް ފަހުން އެމީހާގެ ދިރިއުޅުން ބާއްޖަވެރިވެ ސަލާމަތްކަންލިބުނީ އޭނާ ތެދުހެދުމަށް ﷲ ގަންދީ ހުވާކޮށް އެހުވާ ގައި ސާބިތުވެ ހުރުމުންނެވެ.
އެއްދުވަހަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ އަރިހުން މީހަކު ސުވާލު ކުރިއެވެ. ” އޭ ރަސޫލާއެވެ. އަޅުނގަޑަކީ ﷲ ނުރުއްސަވާ ވަރަށްގިނަ ކަންތައްތަކެއް ކުރަމުން އަންނަ މީހަކީމެވެ. ޢަމަލުތައް ސީދާ ކުރުމަށް އަޅުނޑު އެންމެ ފުރަތަމަ އިޞްލާޙު ކުރަންވީ ކޮންކަމެއްތޯއެވެ.” ރަސޫލާ ހަދީޘް ކުރެއްވިއެވެ. ދޮގުހެދުން ދޫކޮށްލައި ތެދުހެދުންމަތީ ދެމިހުންނާށެވެ. ދެން މިމީހާ އެގޮތުގައި ތެދުހެދުމަށް ހުވާ ކުރުމަށްފަހު ގެޔަށް ހިގައްޖެއެވެ.
 ރޭގަޑުގެ އަދިރިކަން ވެރިވުމުން އެއްކަލަމީހާ ވައްކަންކުރަން ދިއުމަށް ހިތައްއަރައި އެކަމަށް ތައްޔާރު ވާން ފެށިއެވެ. އެކަމަކު ދިއުމުގެ ކުރިން ކުޑަހިދުކޮޅަކަށް ނަމަވެސް ދޮގުނުހެދުމަށް ﷲ ގަންދީ ކުރިހުވާ ހިތައްއަރައިފިއެވެ. އަދި މާދަމާ ރަސޫލާ އޭނާ އެގަޑީގައި ވީތަނެއް އައްސަވައިފިނަމަ ދޭނެ ޖަވާބަކާއި ދޭތެރޭ ވިސްނަން ފަށައިފިއެވެ. ވަންކަންކުރަން ދިޔައީއޭ ބުނަން ހިތައްއަރާފައި އެހެނަސް އެހެންމީހުން އޭނާދެކެ އަންނާނެ ރުޅިއާއި އަދި އެކަމުގެ ސަބަބުން ލިބޭނެ އަދަބު ހިތަށް އަރާފައި އެހެން ބުނާކަށް ބޭނުމެއް ނުވިއެވެ. ދެން ދޮގު ނަހަދަން ﷲ ގަންދީ ހުވާ ކޮށްފައިވާތީވެ ދޮގުހަދާކަންވެސް ބޭނުމެއްނުވިއެވެ. އެންމެފަހުން އޭނާ ނިންމީ ވަންކަންކުރަން ނުދިއުމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާ ވައްކަމަށް ހިފާފައިވާ ދެވި އިސާހިތަކު ފިލައި އެކަމުން އޭނާ ސަލާމަތް ވެއްޖެއެވެ. 
ޖެހިގެން އައިދުވަހު ރާބުއިމަށް ހިތަށްއަރައި އެކަމަށް ތައްޔާރުވި ހިނދު އެއްކަލަ ވަޢުދު މަތިން ހަނދާންވެއްޖެއެވެ. ހިތައްއެރިއެވެ. ރަސޫލާ (ޞޢވ) އަހަރެން ކައިރިން އެދުވަހު ކުރި ކަންތައް އައްސަވައިފިނަމަ އަހަރެންދޭނީ ކޮންޖަވާބެއްހެއްޔެވެ. ހަމަގައިމުވެސް ދޮގުނުހެދުމަށް މިހިރީ ހުވައި ކޮށްގެންނެވެ. ތެދު ބުނެފިއްޔާ އެހެންމީހުން އަހައްނާއި މެދު ދެކޭނީ ކޮންފަދައަކުންތޯއެވެ؟. މުސްލިމަކަށްވެހުރެ ރާބުއިމަކީ ޙަރާމްކަމެއްކަމުގައިވާތީވެ އެހެންމީހުން އަހަރެންނަށް ނަފުރަތު ކުރާނެއެވެ. މިގޮތުގައި އޭނާ ރާބުއިންވެސް ހުއްޓާލައިފިއެވެ. 

މިގޮތުގައި އޭނާ ކޮންމެ ނުބައިކަމެއްކުރުމަށް ޤަސްދުކުރާހިނދު އޭނާ ތެދުބުނުމަށް ކުރި ހުވާގެ މަތިން ހަނދާންވެފައި އެކަމަކުން ދުރުވުމަށް މަޖުބޫރު    ކުރުވައެވެދުވަސްތައް ފާއިތު ވަމުންގޮސް އެންމެފަހުން ހުރިހާ ނުބައިކަމަކުން މިންޖުވެފައިވާ މީހެއްކަމުގައި އޭނާ ވެއްޖެއެވެ. އަދި ރަގަޅު މުސްލިމެއްކަމުގައިވެ އޭނާ އަކީ އެހެންމީހުންނަށްހުރި ނަމޫނާއަކަށް ވެއްޖެއެވެހަމަ އެފަދައިން އަހަރުމެންނަކީވެސް އަބަދުވެސް ތެދުހަދާ ބައެއްކަމުގައި ވެއްޖެނަމަ ﷲގެ ރުއްސެވުމާއި ލޯބި އަހަރުމެންނަށްވެސްލިބޭނެއެވެ. އަދި އޭގެ ސަބަބުން ދިރިއުޅުމާއި އާޚިރަތު ބާއްޖަވެރިވެ ސުވަރުގޭގެ ދާއިމީ ނިއުމަތްތައް އަޅުގަނޑުމެންނަށް ލިބޭނެއެއެވެ.

މަސްދަރު: ވަން އިސްލާމް