ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުކަށިވުމަކީ ދަރިން މަގުން ކައްސާލައިގެންދާކަމެއްކަމަށް މީގެ ކުރިން ހީވެފައި ވިއެއްކަމަކު، މިކަން ދިރާސާ އަކުން ދޮގުކޮށްފިއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ވަކި ގޮތަކަށް ކަންތައްތައް ބެހެއްޓުމަށް ބާރު އެޅުމާއި ކަންތައްތައް ކުރަން މަޖްބޫރު ކުރުވާމައިންގެ ދަރިން ބޮޑެތިވެ އަމިއްލަދިރިއުޅުމަށް ފެއްޓުމުން އެކުދިންގެ ދިރިއުޅުން ހުރިހާ ރޮނގެއްގައިވެސް ކާމިޔާބެވެ.
މިގޮތަށް ދެއްކީ ޔުނިވަރސިޓީ އޮފް އެސެކްސްގެ ޕްރޮފެސަރ ، އެރިކާ ރެސްކަން ގެ ދިރާސާއަކުނެވެ. މިދިރާސާއިން ދައްކާ ގޮތުގައި ހަރުކަށި މަންމައިންގެ ދަރިން މައިންބަފައިންނާ އަޅާލުން އެހެން ކުދިންނަށް ވުރެ ރަނގަޅުވެފައި އެކުދިން އަމިއްލަ ދިރިއުޅުންވެސް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑެވެ.
މި ދިރާސާއަކީ 13 އަހަރާއި 14 އަހަރުގެ 15000 ކުދިން ބައިވެރިކޮށްގެން 2004 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ކުރެވުނު ދިރާސާއެކެވެ. ދިރާސާގައި ހާއްސަގޮތެއްގައި ބަލާލެވިފައިވަނީ މައިންބަފައިން، ހާއްސަކޮށް މަންމަ އޭނާގެ ދަރިން ތަރުބިއްޔަތުކޮށް ތައުލީމު ދިނުމަށް ކުރާ މަސައްކަތުގެ މިންވަރާއި އެކުދިންނަށް މިކަން ހާސިލްވާ މިންވަރެވެ. މީގެ ތެރޭގައި ހާއްސަގޮތެއްގައި މަތީ ތައުލީމުގެ ފުރުސަތު ލިބޭ ކުދިންގެ މަންމަ އިންނަކީ ހަރުކަށި މަންމައިން ކަމުގައި ވެއެވެ. އަދި މިފަދަ މައިންގެ ދަރިން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކަމާއި، ކަންކަމުގައި ހާސްވުން ކުޑަކަމާއި އެކުދިންނަކީ ހުރިހާ ގޮތަކުން ރައްކާތެރި ބައެއް ކަމުގައި ގަބޫލު ކުރާ މިންވަރު އިތުރެވެއެވެ.
މީގެ އިތުރުން މިފަދަ މައިންގެ ދަރިން ޅައުމުރުގައި ބަލިވެ އިނުމުގެފުރުސަތު %4 ދަށްކަމަށްވެސް ކަމަށާއި މިފަދަ މައިންގެ ދަރިން އަވަހަށް ކިޔެވުން ނިންމުމަށްފަހު ރަގަޅު ވަޒީފާތައް ލިބުމުގެ ފުރުސަތުވެސް ބޮޑުކަމަށް ދިރާސާއިން ދައްކައެވެ.
މައިންބަފައިންގެ އަމުރަކީ “އޯޑަރެއް” ކަމުގައި ދެކޭ މީހުނަށް މިއީ ވަރަށްވެސް ރަނގަޅު ފިލާވަޅެކެވެ. މައިންބަފައިން ހަރުކަށިވަނީ ތިމާގެ ދަރި އިސްލާޙް ކުރުމަށްކަމުގައި އެންމެންވެސް ޤަބޫލު ކުރަންޖެހޭނެއެވެ.