ގިނައިން ތަރުކާރީ އާއި މޭވާ ކާ މީހުން އުފާވެރިވެފައި މިޒާޖު ރަނގަނޅުވެފައި އެމީހުންގެ ނަފްސާނީ ހާލަތު ވެސް އެ ނޫން މީހުންނަށް ވުރެ ރަނގަނޅުކަން ކަމާ ބެހޭ އިލްމީ ދިރާސާއަކުން ހާމަވެއްޖެ އެވެ.

އެމެރިކާގެ މަޝްހޫރު ހަވާޑް ޔުނިވަސިޓީން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި ގިނައިން ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތައް ބޭނުންކުރާ މީހުން ކަންކަމުގައި ހާސްވާ މިންވަރާއި ރުޅި ކޮންޓްރޯލް ކުރުމާއި ކަންބޮޑުވުމުގެ ބައި އެނޫން މީހުންނަށް ވުރެ ވަރަށް ބޮޑު ތަން ރަނގަޅެވެ. ޚާއްސަކޮށް ގިނައިން ތަރުކާރީގެ ބާވަތްތަކާއި މޭވާގެ ބާވަތްތައް ބޭނުންކުރާ މީހުން އާންމުކޮށް ތިބެނީ އެ ނޫން މީހުންނަށް ވުރެ މާ އުންމީދީ އަދި މާ އުފާވެރި މިޒާޖެއްގައި ކަން ވެސް މި ދިރާސާ އިން ހާމަވެފައިވާ ކަމަށް މިކަމުގައި އިސްކޮށް އުޅުއްވި ދިރާސާވެރިޔާ ޖޫލިޔާ ބޮޔެމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހެން ދިމާވަނީ ގިނައިން މޭވާއާއި ތަރުކާރީ ކާމީހުންގެ ހަށިގަނޑުގައި (ޚާއްސަކޮށް ލޭގައި) ކެރެޓީނޮއިޑް ނަމަކަށްކިޔާ ޕްލާންޓް ކޮންޕައުނޑެއް އަބަދުވެސް ހުންނާތީ އޭގެ އަސަރުގައި ކަމަށް ވުމަކީ އެކަށީގެން ވާ ކަމެއްކަމުގަ އެވެ. މިއީ މީހާ ހިތްހަމަޖައްސައިދޭ އަދި ނަފްސާނީ ހާލަތު ރަނގަނޅުކޮށްދޭ ކޮންޕައުނޑެއް ކަން ކުރިންކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވެ އެވެ. ތަރުކާރީއާއި މޭވާގެ ބާވަތްތައް އާންމުކޮށް ބޭނުން ނުކުރާ މީހުންގެ ހަށިގަނޑުގައި މި މާއްދާ ހުންނަ މިންވަރު ވަރަށް މަދުވާނެ ކަމަށް ވެސް ޖޫލިޔާ ވިދާޅުވި އެވެ.

ކެރެޓީނޮއިޑް ގެ ވައްތަރުތަކަކީ އެންޓި އޮކްސިޑެންޓްސްގެ މިންވަރު ވަރަށް މައްޗަށް އެކުލެވޭ ކޮންޕައުނޑެއް ކަމަށްވެ އެވެ. ކެރެޓީނޮއިޑްގެ ވައްތަރުތަކުގެ ތެރޭގައި އަލްފާ ކެރެޓީނޮއިޑް އައި ބީޓާ ކެރެޓީނޮއިޑް ވެސް ހިމެނެ އެވެ. އެހެން ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި މޭވާއާއި ތަރުކާރީގެ ގިނަ ބާވަތްތައް ބޭނުންކުރަން އެންމެ ރަނގަޅީ ހަކުރު ފަދަ އެއްވެސް ބާވަތެއް ނާޅައި ގިރައިގެން ތާޒާ ޖޫހުގެ ގޮތުގަ އެވެ. މިގޮތަށް ބޭނުންކުރުމުން ލިބޭ ފައިދާ ތަންކޮޅެއް ބޮޑުކަމަށް ވެސް އެ ދިރާސާތަކުން ހާމަވެފައިވެ އެވެ.

މޭވާއާއި ތަރުކާރީ ގިނައިން ކެއުމަކީ މުސްކުޅިވާ މިންވަރު ވެސް ކުޑަކޮށްދޭ އަދި ސްޓްރޯކާއި ހިތްހުއްޓުމާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްދޭ ކަމެއްކަމަށް ވެސް ދިރާސާތަކުން ހާމަވެފައިވެ އެވެ.