ދުނިޔެއަށްޓަކައި އެއްގަޑިއިރު ހޭދަކުރުމަށް ރާއްޖޭގައި އާތްއަވާ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގައެވެ. “އާރތް އަވަރ” ރާއްޖޭގައި ފާހަގަ ކުރާތާ އަށް އަހަރު ވެފައިވާއިރު ދުނިޔެއަށްޓަކައި ހޭދަކުރާ މި ގަނޑިއިރަށް ދިވެހިން ކިޔާނެ ނަމެއް އެބައޮތް ހެއްޔެވެ؟ އޮތްނަމަ އެއީ ކޮންނަމެއް ހެއްޔެވެ؟

މިވާހަކަ ދެއްކުމުގެ ކުރިން “އާރތް އަވަރ” އަކީ ކޮބައިކަން ބަލާލަމާ ހިނގާށެވެ. “އާރތް އަވަރ” އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުންދާ ޙަރަކާތެކެވެ. އަދި މިއީ ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް ހިތްވަރުދިނުމާއެކު، ޢަމަލީގޮތުން މިކަމުގައި ބައިވެރިވުމަށް އެންމެންނަށް ލިބިގެންދާ ފުރުޞަތެއްވެސްމެއެވެ. “އާރތް އަވަރ”ގެ ޙަރަކާތް ކުރިއަށްގެންދަނީ ކަރަންޓު ބޭނުންކޮށްގެން ދިއްލަންޖެހޭ ބޮކި، ހޮޅިބުރިފަދަ ތަކެތިފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް ކަނޑައެޅޭ އެއްގަޑިއިރަށް ނިއްވާލައިގެންނެވެ. މިކަމުގެ ބޭނުމަކީ، ކަރަންޓް ބޭނުންކުރެވޭ މިންވަރު ދަށްކޮށް، އެކަމަށްޓަކައި އަންދާ ތެލުގެ މިންވަރުވެސް މަދުކޮށް، ތެޔޮ އެންދުމުން ޖައްވަށް ބޭރުކުރެވޭ ވިހަ ދުންތައް މަދުކުރުމެވެ. “އާރތް އަވަރ” ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ ދެހާސް ހަތްވަނައަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިހާރު މިޙަރަކާތް މިވަނީ ދުނިޔޭގެފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކެންޕޭނަކަށްވެފައެވެ. ރާއްޖޭގައި އާތްއަވާ ފުރަތަމަ ފާހަގަކުރީ 2009 ވަނަ އަހަރުގައެވެ.

ދިވެހި ބަހުގެ އެކަޑަމީއިން ބަސްދިރުވާ އާލާކުރުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންދާއިރު، “އާރތް އަވަރ”އަށް ދިވެހި ނަމެއް ހެދުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. “އާރތް އަވަރ” އަށް ކިޔާ ދިވެހި ނަމެއް ވާނަމަ ދިވެހި ބަހުގެ އެކަޑަމީގެ ބޭފުޅުންގެ ނިހާޔަތަށް މާފަށް އެދެމެވެ.

މިއަހަރުގެ “އާރތް އަވަރ” ފާހަގަކުރުން އޮންނާނީ 24 މާރިޗް 2018 ވަނަ ދުވަހުގެ ރޭގަނޑު އަށްގަޑި ތިރީހުން ނުވަގަޑި ތިރީހަށެވެ. މިއީ މި ކެމްޕެއިން މުޅި ދުނިޔޭގައި ހިންގާ ދިހަވަނަ އަހަރެވެ.