އަބަދު އެއްގޮތަކަށް ތިބެގެން ޖިންސީ ގުޅުން ހިންގުމުގެ ބަދަލުގައި ތަފާތު ގޮތްތައް ޚިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދިރިއުޅުމުގައި ހުންނަ ބައެއް ކަންތައްތަކަށް ބަދަލު ގެނައުމަކީ ޖިންސީ ހަޔާތަށް ބައެއް ފަހަރު އުފާވެރިކަން ލިއްބައިދޭ ކަމަކަށް ވެއެވެ. ފިރިމީހާ ބޭރުގައި އުޅެފައި އަންނަ އިރު އަނބިމީހާ ރީތިކޮށް ފެންވަރާލައިގެން ނަލަހެދިގެން ފިރިމީހާގެ އިންތިޒާރުގައި ހުންނަ އާދަކުރުން، ހަފްތާ އަކު ދެރެޔަކު ގޭގައި މީރު ކެއުމެއް ތައްޔާރުކޮށްލުން ފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން ޖިންސީ ހަޔާތަށް އިތުރު އުފާވެރިކަން ލިބިދޭނޭ ކަންކަމަށް ވެގެން ދާނެއެވެ.

ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވާ ގިނަމީހުންނަށް އެކަން ކުރިމަތި ވުމުގައި އަބަދު އެއްގޮތަކަށް ޖިންސީ ގުޅުން ހިންގަން އާދަކުރުމުން ފޫހިކަމާއި މާޔޫސީކަން ކުރިމަތިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުންއެކަމަށް ހުންނަ ޝައުގުވެރިކަން ގެއްލި ޖިންސީ ހަޔާތުގެ އުފާވެރިކަން ބަދަލުވެ، ބަލިކަށިކަމުގެ ދަރަޖައަށް ބައެއް ފަހަރު ވާސިލްވާގޮތްވެއެވެ. އެކަމަކު އާގޮތްތަކެއް ނުވަތަ އާގޮތަކަށް ތިބެގެން ޖިންސީ ގުޅުން ހިންގަން ފެށުމުން ލިބޭ ޝައުގު އިތުރުވެ، އެކަންކުރުމުގައި ދެމިތިބޭގޮތް ވެއެވެ.

އަނބިމީހާ އަކީ މިގޮތުން ބަދަލުތައް ގެނައުމުގައި ބޮޑު ދައުރެއް ކުޅެވިދާނެ މީހެކެވެ. މިގޮތުން ހަށިގަނޑަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި، އުޅޭ އުޅުމާއި އުސްލޫބު، ވާހަކަ ދެއްކުމުގެ ބަހުރުވައާއި، ފިރިމީހާ އާއި މުއާމަލާތް ކުރާގޮތް ބަދަލުކޮށްލުމަކީ ޖިންސީ ހަރަކާތް ހީވާގި ކުރުމުގައި އެހީތެރިވެދޭނެ ކަންކަމެވެ.

ދެމަފިރިން ގުޅިގެން އެމީހުންގެ ޖިންސީ ހަޔާތަށް އައިސްފައިވާ އުނިކަން ނުވަތަ ހީނަރުކަން ފުހެލުމަށް މަސައްކަތް ކުރެވިދާނެއެވެ. ކުރިން ބުނިހެން ޖިންސީ ގުޅުން ހިންގުމަށް ތިބޭ ގޮތް ބަދަލުކޮށްލުން، ޖިންސީ ގުޅުން ހިންގާ ވަގުތު ގޭތެރޭގެ ކަންތައްހުންނަ ނުހުންނަ ގޮތަކަށް ބަލައި ރަގަޅު ވަގުތެއްގައި އެކަންކުރުން، އަދި ކޮންމެ މީހަކުމެ އަނެކަކު ޝައުގުވެރިވާ ނުވަތަ ގަޔާވާ ގޮތަކަށް ޖިންސީ ގުޅުން ހިންގުމުގައި އަމަލު ކުރުމަކީ ޖިންސީ ބަލިކަމުން މިންޖުވުމުގައި މަންފާ ކުރުވަނިވި ކަންކަމެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވާ މީހުންނަށް އެމީހުން އާންމު ދިރިއުޅުން ހުންނަ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުކޮށްލުމަކީ ވެސް އެކަމުން މިންޖުވުމަށް ލިބޭ އެހީއަކަށް ވެއެވެ. މިސާލަކަށް ދެދުވަހަށް ޗުއްޓީއަކަށް އެހެން ރަށަކަށް ޖައްސާލުން ފަދަ ކަންކަމަކީ ދެފަރާތަށްމެ ޖިންސީ ހީވާގިކަން އިތުރުކޮށްދީ ޖިންސީ އެދުން ފުރިހަމަކުރުމުގައި އެހީއަކަށް ވެގެން ދެއެވެ.