މާބޮޑަށް ފަލަވުމަކީ ޖިންސީ ހަޔާތަށް ބުރޫ އަރުވާ އެތައް ކަމެއް ކުރިމަތި ކުރުވާ ކަމެކެވެ.

މިސާލަކަށް ލޭގެ ޕްރެޝަރ މައްޗަށް ދިއުން އަދި އެއާގުޅިގެން ދީ އުޅޭ ބޭސްތަކުގެ ސަބަބުން ޖިންސީ ގުނަވަނުގައި ވަރުޖެހުމަށް ހުރަސް އެޅޭގޮތް ވެއެވެ. ހަކުރުބަލި ޖެހުމަށް ފަހު ގިނަ ދުވަސް ވުމުން ވެސް ޖިންސީ ނުކުޅެދުން ތެރިކަން މެދުވެރިވާ ގޮތްވެއެވެ. ހަމަމިހެން ހުޅުތަކުގައި ރިހުން ޚާއްޞަކޮށް ކަކޫ ހުޅުގައި ރިއްސުމުގެ ސަބަބުން ޖިންސީ ގުޅުން ހިންގުން ފުރިހަމަ ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.

ދަށްބަނޑުގައި މާބޮޑަށް ސަރުބީ ޖަހައި ފަލަވުމަކީ ވެސް ޖިންސީ ގުޅުން ހިންގުމަށް އުދަގޫތަކާއި ކުރިމަތި ލާން ޖެހޭ ކަމެކެވެ. ޚާއްޞަކޮށް ފިރިމީހާގެ އިތުރުން އަނބިމީހާ އަކީ ވެސް މިބީދައިން ސަރުބީ ޖަހައި ފަލަ ވެފައިވާ މީހެއްނަމަ ޖިންސީ ގުޅުން ގާއިމްކުރުމަކީ ދަތި އުދަގޫކަމަކަށް ވެއެވެ.

ދިރާސާތަކުން އެގިފައިވާ ގޮތުގައި ފަލަމީހުންގެ ތެރޭގައި ޖިންސީ އެދުންވެރިކަން ކުޑަކުރުވާ މައިގަނޑު ސަބަބަކީ މާބޮޑަށް ހަށީގަނޑުގެ ބަރުދަން އިތުރުވުމުގެ ސަބަބުން ފިރިހެނާގެ ޖިންސީ ހޯރމޯން އެކުލެވޭ މިންވަރު މަދުވުމެވެ.