ބިސްބޭރުވާ ދުވަސްވަރު ދެނެގަތުމަށް މައްސަރުކަންތައް (ޕީރިއަޑް) ދިމާވާނެ ދުވަސް ލަފާކޮށް ފާހަގަ ކުރާށެވެ. އެއަށްފަހު އޭގެ ފަހަތަށް 12-16 ދުވަސް ފާހަގަ ކުރާށެވެ. މިއީ އާއްމުގޮތެއްގައި ބިސްބޭރުވާނެ ދުވަހެވެ. މިސާލަކަށް މައްސަރުކަންތައް ދިމާވާނެ ކަމަށް ލަފާ ކުރެވެނީ މަހުގެ 30 ވަނަ ދުވަހުގައި ނަމަ ބިސްބޭރުވާނީ އެމަހުގެ 14-18ވަނަ ދުވަހުއެވެ. ކޮންމެ 28 ދުވަހަކުން މައްސަރުކަންތައް ދިމާވާ މީހަކު ނަމަ ބިސްބޭރުވާނީ ޖެހިގެންއަންނަ މަހު މައްސަރުކަންތައް ދިމާވުމުގެ ބަރާބަރު 14 ދުވަސް ކުރިންނެވެ. ނަމަވެސް މިގޮތަށް ދުވަސް ބަލަން އެނގޭނީ ވަކިއިންތިޒާމަކުން ގަވައިދުން މައްސަރުކަންތައް ދިމާވާ މީހުންނަށެވެ.

ބިސްބޭރުވާ ދުވަސް ބެލުމަށްޓަކައި އެންމެ ރަނގަޅުގޮތަކީ ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. އަދި ޖިސްމާނީގޮތުން އަންނަ ބަދަލުތަކާއި އަލާމާތްތައް ފާހަގަ ކުރުމެވެ. ތިރީގައި އެވަނީ މިގޮތުން ފާހަގަ ކުރަންވީ ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކެވެ.

– ރަހިމުގެ ކަރުން ނުވަތަ ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗިއްސަށް ބަދަލު އައުން: އަންހެނުންގެ މައްސަރުކަންތަކުގެ ބުރު ފުރިހަމަވަމުންދާ ވަރަކަށް ނުވަތަ ބިސްރަވައިގައިވާ ބިސް ބޮޑުވަމުންދާވަރަކަށް ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗެތީގެ މިންވަރާއި ސިފައަށް ބަދަލު އަންނަމުންދެއެވެ. މިހެންވަނީ ހަށިގަނޑުގައި އެސްތްރޯޖަން ހޯމޯން އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ. ބިސްބޭރުވުން ގާތްވާވަރަކަށް ނުވަތަ ބަލިވެއިނުމުގެ ފުރުޞަތު އެންމެ ބޮޑުވާއިރު ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗެތީގެ ކުލަ ސާފުވެ، ތެއުކަން ގަދަވެ، ތުނިވެ އޮމާންވާނެއެވެ. އަދި މިދިޔާއެއްޗެތީގެ ސިފަ އެންމެ ވައްތަރުވާނީ ރޯބިހެއްގެ ހުދުކެންޏާއެވެ.

އާއްމުގޮތެއްގައި ކުރިމަތި ފަރާތުން އަންނަ ދިޔާއެއްޗިއްސަކީ ޖަރާސީމުންނާއި ތަފާތުވައްތަރުގެ ފަނިފަކުސާއިން ނަސްލީ ނިޒާމު ހިމާޔަތްކުރުމަށް އުފެދޭ އެއްޗެކެވެ. ވުމާއެކު މިދިޔާއެއްޗެތި ހުރަސްކޮށް ރަހިމުގެ ތެރެއަށް ދިއުމަށް ދަރިފަންޏަށްވެސް އުދަގޫތަކަކީ ހުރަސްތަކަކާއި ދިމާވެއެވެ. ނަމަވެސް ބިސްބޭރުވާއިރު މިދިޔާއެއްޗިއްސަށް އަންނަ ބަދަލާއި އެކު ދަރިފަންޏަށް މިހުރަސް ގިރާކޮށް ރަހިމުގެ ކަރުން ރަހިމުން އަދި ބިސްހޮޅިންގޮސް ބިހާއި ބައްދަލު ކުރުމުގައި އެހީތެރިވެދެއެވެ.

– ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުން: ބިސްބެރުވުމާއެކު ހަށިގަނޑުގެ ހޫނުމިން އާއްމުކޮށް ހުންނަ ވަރަށްވުރެ 0.4-0.1 ޑިގުރީވަރު މައްޗަށް ދާނެއެވެ. އާއްމުގޮތެއްގައި މިހެން މައްޗަށް ދިޔަސް އަމިއްލައަށް މިކަން އިހުސާސް ކުރެވޭ ވަރެއް ނުވާނެއެވެ. މިކަން ދެނެގަނެވޭނީ ތަމޯމީޓަރ އެއް ބޭނުން ކޮށްގެންނެވެ. ހަށިގަނޑުގެ ހޫނުމިން މައްޗަށްދަނީ ބިސްބޭރުވުމުގެ ސަބަބުން ހަށިގަނޑުގައި ޕްރޮޖެސްޓްރޯން ހޯމޯން އިތުރުވާތީއެވެ. މިހޯމޯންއަކީ ހޫނޫމިން މަތިކުރާ ހޯމޯނެކެވެ.

އާއްމުގިތެއްގައި ބަލިވެއިނުމުގެ ފުރުޞަތު އެންމެ ބޮޑުވާނީ ހޫނުމިން މައްޗަށް ދިއުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިމާއުވުމުން (ޖިންސީ ގުޅުން ހިންގުމުން) ނެވެ. ނަމަވެސް ހޫނުމިން މައްޗަށް ދިއުމަށްފަހުވެސް 12-24 ގަޑިއިރު ބަލިވެއިނުމަށްތަކައި ޖިމާއުވާން ރަނގަޅުވާނެއެވެ. މިއަށްވުރެ ފަހުން ޖިންސީ ގުޅުން ހިންގުމަކީ ބަލިވެއިނުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ ކަމެކެވެ. އެއީ ބިސްބޭރުވާތާ 12-24 ގަޑިއިރުތެރޭ ދަރިފަނި ބައްދަލު ނުވެއްޖެނަމަ މަރުވާނެއެވެ. އަދި ޖިންސީ ގުޅުން ހިންގުމަށްފަހުވެސް ދަރިފަނި ބިހައި ހަމައަށް ދިއުމަށް އެތައް ވަގުތެއް ނަގައެވެ. ވީމާ ރަނގަޅީ ބިސްބޭރުވުމުގެ ކުރިން ރޭކުރުމެވެ. ބިސްބޭރުވުމަށްފަހު ޖިމާއުވުމުން ފަހަރުގައި ބިސްމަރުވާއިރުވެސް ދަރިފަންޏަށް ބިހާއި ހަމައަށް ނުދެވުމަކީ އެކަށީގެންވާ ކަމެކެވެ.

އަދި އާއްމުގޮތެއްގައި ބިސްބޭރުވުމަށްފަހު ޕްރޮޖެސްޓްރޯން ހޯމޯން އިތުރުވެ ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުމަށް ބައެއްފަހަރު އެއްދުވަސް ނުވަތަ ދެދުވަސްވަރު ނަގައެވެ. ވުމާއެކު ހޫނުމިން މަތިވުމުން ޖިންސީ ގުޅުން ހިންގާއިރު އޮންނާނީ ބައެއް ފަހަރު ވަގުތު ފާއިތުވެފައެވެ. އެއީ ބިސްބޭރުވާތާ 12-24 ގަޑިއިރު ތެރޭ ބިސް މަރުވާތީއެވެ. ރަނގަޅު ގޮތަކީ ހޫނުމިން ކޮންމެ ދުވަހަކުވެސް ހެނދުނު ފަތިހާ ބަލަމުން ދިއުމެވެ. އަދި މިގޮތަށް އެތައް މަހަކު ގަވައިދުން ބެލުމުން ހޫނުމިން އެއްމެ މައްޗަށް ދާދުވަހާއި ބިސް ބޭރުވާ ދުވަސް ފާހަގަ ކުރަނ ފަސޭހަ ވާނެއެވެ. އަދި އެދުވަހެއް ފާހަގަ ކޮށް އޭގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިންސީ ގުޅުން ހިންގަން ރަނގަޅުވާނެއެވެ.

– ދަށްބަނޑަށް އުދަގޫވުން: މިއީ ކޮންމެ ފަސްއަންހެނުންގެ ތެރެއިން އެއް އަންހެނަކަށް މިދުވަސްވަރު ދިމާވާ ކަމެކެވެ. މިގޮތުން ވާއުދަގޫ ތަކުގެތެރޭގައި ބައެއް މީހުންނަށް ކުޑަކޮށް ތަދުވުމާއި އަދި ބައެއް މީހުންނަށް ވަރަށް ބޮޑަށް ރިއްސުން ވެސް ހިމެނެއެވެ. މިހެންވާއިރު ހިދުކޮޅަކަށް ވެފައި ރަނގަޅުވެދާނެއެވެ. އަދި ބައެއް މީހުންނަށް އެތައްގަޑިއެއްވަންދެން ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.