މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފުރަތަމަ ބުރުން  ޝާން ޝަރީފް އަދި މަރިޔަމް ސަލްވާ އައިޑަލްގެ ޕުލެޓްފޯރމާއާއި ވަކިވާން ޖެހިއްޖެއެވެ.

ޝާން އަދި ސަލްވާ އަށް ގަދަ 10 އަކުން ޖާގަ ކަށަވަރު ނުކުރެވި މިރޭގެ ޝޯވގައި އެލިމިނޭޓްވެފައިވާއިރު މި 2 ބައިވެރިންވެސް ވަނީ ހިތްގައިމު ހުށައެޅުންތަކަކާއެކު ބެލުންތެރިންނާއި، ޖަޖުންގެ ހިތްތަކުންވެސް ޖާގަ ހޯދާފައެވެ.

މި ދެ ބައިވެރިން ކެޓުމާއެކު މިހާރު ވަނީ މި ސީޒަންގެ ގަދަ 10 ބައިވެރިން ކަށަވަރުވެފަ އެވެ.  ގާލާ ރައުންޑުގެ މި ހަފްތާގެ އެލިމިނޭޝަން ނައިޓް ޝޯވގައިވެސް ގަދަ 12 ބައިވެރިންގެ ހިތްގައިމު ރީތި ގްރޫޕް ޕަރފޯމަންސްތަކެއް ފެނިގެންގޮސްފައިވާއިރު، މިރޭގެ ޝޯވ ހާއްސަކޮށްފައިވަނީ އެ ބައިވެރިއެއްގެ ކުޑައިރުގެ ހަނދާންތަކާއި ގުޅިފައިވާ ލަވަތަކަށެވެ.

ގަދަ 10 އަކަށް ހޮވުނު ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

ގަދަ 10 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ދެ ވަނަ ބުރު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ދެން އަންނަ ބުރުން ފެށިގެން ކޮންމެ ހަފްތާއަކު ޝޯ އިން ވަކިވާންޖެހޭނެ ހަފްތާއަކު ބައިވެރިޔެކެވެ. ކޮންމެ ހަފްތާއަކު ބައިވެރިޔަކު ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ތިން ބައިވެރިންނެވެ.