ސްޕެއިންގެ ގައުމީ ޓީމުން މި މަހު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ނެގި ސްކޮޑުން އެޤައުމުގެ ޤައުމީ ޓީމްގެ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ ބާކީކޮށްފިއެވެ.
މޮރާޓާގެ ކުޅުން ދަށްވެފައިވާކަން ފާާހަގަ ކުރެވިފައިވާއިރު، ޗެލްސީގެ ބައެއް މެޗްތަކުން ފުރަތަމަ އެގާރައިން ވެސް މޮރާޓާއަށްދަނީ ކުޅޭނެ ފުރުސަތު ނުލިބެމުންނެވެ.
މޮރާޓާ ސްކޮޑުން ބާކީ ކުރިއިރު އެތްލެޓިކޯ މެޑްރިޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިއޭގޯ ކޮސްޓާ ވަނީ އަލުން ސްކޮޑަށް ނަގާފައެވެ. ކޮސްޓާގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ ޑިފެންޑަރު މާކޮސް އޮލޮންސޯ އަށް ފުރަތަމަ ފަހަރަށްވަނީ ޖާގަ ލިބިފައެވެ.
މި މަހު ސްޕެއިން އިން ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއެވެ. އެ މެޗު މި މަހުގެ 23 ވަނަ ދުވަހު އޮންނަ އިރު 27 ވަނަ ދުވަހު ސްޕެއިން ނިކުންނާނީ އާޖެންޓީނާ އާއި ދެކޮޅަށެވެ.