މިހާރުވެސް ފުޓްބޯޅައިގެ ކެރިއަރު ނިންމާލަން ޖެހިއްޖެނަމަ ފަސްޖެހުމެއްނެތި އެކަން ކުރާނެކަމަށް ފުޓްބޯޅައިގެ ދުނިޔޭގައި ރަސްްކަން ކުރަމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

 ބްރެޒިލްގެ ޔޫޓިޔުބް ޗެނެލްއެއް ކަމަށްވާ ޑެސިމްޕެޑިޑޮސް އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވަނީ ވަރަށް ގިނަ ކާމިޔާބީތަށް ހޯދިއްޖެ ކަމަށާއި ދެން އެއްވެސް ކާމިޔާބީއެއް ހޯދަން އުއްމީދު ނުކުރާ ކަމަށެވެ.

ނަމަވެސް މިއަހަރުގެ ވޯލްޑްކަޕްގެ ތަށި އުފުލާލުމަކީ ދެކޭ ހުވަފެނެއް ކަމަށާއި މިހާރުވެސް ފުޓްބޯޅައިގެ ކެރިއަރު ނިންމާލަން ޖެހިއްެޖެ ނަމަ އުފަލާއި އެކު އެކަން ކުރާނެ ކަމަށް ރޮނާލްޑޯ އެވީޑިއޯގައި ބުނެފައިވެއެވެ. އަދި އޭނާގެ ފުޓްބޯޅައިގެ ހަޔާތަކީ އޭނާ ހީވެސް ނުކުރާފަދަ ކާމިޔާބު ހަޔާތެއް ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

މީގެ އިތުރަށް އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައ ލިބުނު ކާމިޔާބީތަކަކީ އެތަކެއް ބަޔެއްގެ ބުރަ މަސައްކަތް ކަމަށާއި އުންމީދަކާއި އެކު ކަމެއް ފަށައިފި ނަމަ އެކަން ކާމިޔާބުވާނެ ކަމަށްވެސް އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވަނީ ބުނެފައެވެ. އަދި އޭނާއަށް ސަޕޯރޓްކުރާ ގިނަ ބަޔަކު އުޅޭކަމާއި ސަޕޯޓް ނުކުރާ މީހުންވެސް އުޅޭކަން އެނގޭކަމަށް މިވީޑިއޯގައި ބުނެފައިވެއެވެ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފީފާ ދޭ ބެލެންޑީއޯ އެވޯޑް ފަސް ފަހަރު ހާސިލްކޮށްފައިވާ ރޮނާލްޑޯ  އޭނާގެ އުމުރުގެ ސަބަބުން ދެން މާ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ފުޓްބޯޅައިގެ މައިދާނުން ފެނުން އެކަށީގެން ނުވާ ކަމުގައި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން އަންނަކީ ބުނަމުންނެވެ.